އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެހުންވައިގެން ވަކި ފެކްޝަނެއްގެ ގޮތުގައި އުފައްދަވާފައިވާ "ފިކުރެއްގެ ދިރުން" އަށް ބައިލައްކައަށް ވުރެ ގިނަ މެމްބަރުންގެ ސޮއި ލިބިއްޖެ އެވެ.

އެ ހަރަކާތުގައި އިސްކޮށް އުޅުއްވާ ބޭފުޅަކު ވިދާޅުވީ މިއަދާ ހަމައަށް 50،000 އަށް ވުރެ ގިނަ މެމްބަރުން ސޮއިކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކުރިން އެމްޑީޕީގައި ތިއްބާ އެ ޕާޓީން ވަކި ކުރި ތިރީސް ނުވަ ހާސް މެމްބަރުންގެ ތެރެއިން ގިނަ ބަޔަކު ސޮއިކޮށްފައިވާ ކަމަށް އެބޭފުޅާ ވިދާޅުވި އެވެ.

މިދިޔަ މަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީ އާއި ދިމާކޮށް އެޕާޓީން ރައީސް ނަޝީދަށް ތާއީދުކުރާ ގިނަ ބަޔަކު ޕާޓީން ވަކި ކޮށްފައިވާ ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ބުނެ އެވެ.

ފިކުރެއްގެ ދިރުން ފެކްޝަނުން މިކަން ރަސްމީކޮށް އިއުލާން ކޮށްފައި ނުވި ނަމަވެސް، ވަރަށް އަވަހަށް ސޮއި ކުރި މެމްބަރުންގެ އަދަދު ހާމަ ކުރައްވާނެ ކަމަށް އެބޭފުޅާ ވިދާޅުވި އެވެ. އަދި އަމާޒަކީ 96000 މެމްބަރުންގެ ސޮއި ހަމަކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސް ނަޝީދު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ވަކި ފެކްޝަނެއް އުފެއްދެވުމަށް ނިންމެވީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގަތުމުން، މިދިޔަ މަހުގެ 30 ވަނަ ދުވަހު އެމަނިކުފާނުގެ ސަޕޯޓަރުންނާއެކު ބޭއްވެވި ބައްދަލުވުމަކަށް ފަހު އެވެ. ސިޔާސީ ހަރަކާތެއް ހިންގުމަށް ވަކި ފެކްޝަނެއް އުފެއްދުމަށް އެމްޑީޕީގެ އަސާސީ ގަވައިދުން ޖާގަ ލިބެ އެވެ.

މިދިޔަ މަހު 28 ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދާ ވާދަކުރައްވައި ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރެއްވީ ރައީސް ސޯލިހެވެ. ޕްރައިމަރީގައި ރައީސަށް 61 ޕަސެންޓް ވޯޓު ލިބިވަޑައިގެންނެވި އިރު، ނަޝީދަށް ލިބިވަޑައިގަތީ 39 ޕަސެންޓެވެ.