45 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައި ވަކިވެވަޑައިގެންފައިވާ ބޭފުޅުންގެ ރެކޯޑުތައް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހޯދުމަށްފަހު، ގައުމީ އިނާމާ ބެހޭ ކޮމިޓީއަށް ހުށަހަޅައިގެން ކުރިއަށް ގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކޮށްދެއްވި ބޭފުޅުންނަށް އިނާމު ދެއްވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ އެބޭފުޅުން ކޮށްދެއްވި ހިދުމަތަކީ އޭގެ އަގު ވަޒަން ނުކޮށް ދޫކޮށްލެވޭވަރުގެ ހިދުމަތްތަކެއް ނޫންކަމަށެވެ. އަދި އެބޭފުޅުން އެކޮށްދެއްވި ހިދުމަތްތަކަކީ ހަޔާތުގެ ވަރަށް ބޮޑު ބައެއް ގައުމީ ހިދުމަތަށް ހުސްކުރައްވާ ދިވެހި ރައްޔިތުންނަށްޓަކައި ވެވަޑައިގެންނެވި ގުރުބާނީ އެއް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިރޭ އިނާމު ހާސިލް ކުރެއްވި ބޭފުޅުންގެ ތެރޭގައި 50 އަހަރަށްވުރެ ގިނަ މުއްދަތައް ދައުލަތަށް ހިދުމަތް ކޮށްދެއްވި ބޭފުޅުން އެބަތިއްބެވި ކަމަށާއި އެއީ ދައުލަތަށާއި ސަރުކާރަށް ފަރުދީގޮތުން ހިދުމަތް ކުރުމަށް އެބޭފުޅުންގެ ހިތްތަކުގައި އޮތް މަތިވެރި ގަދަރާއި ލޯބި ހާމަ ކޮށްދޭ ކަމެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ 45 އަހަރަށް ވުރެ ގިނަ މުއްދަތަށް ދައުލަތަށް ހިދުމަތް ކޮށްފައި ތިބި ބޭފުޅުންވެސް އެބަ ތިބިކަމަށާއި އެބޭފުޅުންގެ ނަން، އިނާމަށް ހުށަހެޅުއްވުމުގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ، ބައެއް ބޭފުޅުންގެ އަތްޕުޅުގައި ޚިދުމަތާބެހޭ ރެކޯޑުތައް ނެތުންކަމަށެވެ.
މިދިޔަ އަހަރުތަކުގައި ސަރުކާރުގެ ވަރަށް ގިނަ އޮފީސްތަކެއް އުވައިވެސްލެވިއްޖެ ކަމަށާއި އެފަދަ ބައެއް އޮފީސްތައް އުވައިލެވިގެން ދިޔައިރު، އެ ބޭފުޅުން ކުރެއްވި މަސައްކަތްތަކުގެ މައުލޫމާތު ފަސޭހައިން ލިބޭނެ ގޮތެއްވެސް ނެތްކަމަށް ރައީސް ވިދާޅުވި އެވެ.
އެހެންނަމަވެސް އެފަދަ ބޭފުޅުންނަށްވެސް އަދި ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވައި ވަކިވެވަޑައިގެންފައިވާ އެހެން ބޭފުޅުންނަށްވެސް، މި ޝަރަފު އަރުވަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ 45 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައި ވަކިވެވަޑައިގެންފައިވާ ބޭފުޅުންގެ ރެކޯޑުތައް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހޯދުމަށްފަހު، ގައުމީ އިނާމާ ބެހޭ ކޮމިޓީއަށް ހުށަހަޅައިގެން، އެކަން ކުރިއަށް ގެންދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ މިރޭ އިނާމު ލިބިވަޑައިގަތް ބޭފުޅުން ދިވެހި ދައުލަތަށް ކޮށްދެއްވީ ވަރަށް އަގު ހުރި މަސައްކަތްތަކެއް ކަމަށެވެ. ވަފާތެރި ކަމާއި އަމާނާތް ތެރި ކަމާއެކު އެ ކޮށްދެއްވީ ވަރަށް ބޮޑު ހިދުމަތެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި 80 ބޭފުޅަކަށް ގައުމީ އިނާމު ވަނީ ދެއްވާފަ އެވެ.