ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް ސޯލިހުގެ ފެކްޝަނުން ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމާ ބައްދަލު ކުރައްވައިފި އެވެ.

ރައީސް ސޯލިހުގެ ފެކްޝަނަށް ނިސްބަތްވާ އިސް ދެ ބޭފުޅަކު ވަނީ ރޭގެ ވަގުތެއްގައި ގާސިމްގެ ސަން އައިލެންޑް ރިސޯޓުގައި ބައްދަލުކުރައްވާފަ އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ހުޅުމާލެ ދާއިރާގެ މެމްބަރު އަދި ރައީސް ސޯލިހުގެ ކޮއްކޯފުޅު އަލީ ނިޔާޒެވެ. އެބޭފުޅުން ބައްދަލު ކުރެއްވިއިރު ނެންގެވި ފޮޓޯތައް މިހާރު ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.

އެނގިފައިވާ ގޮތުގައި މި ބައްދަލުވުމުގައި އެބޭފުޅުން ވަނީ މިއަހަރުގެ ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވަކި ރިޔާސީ ލީޑަރަކަށް ތާއީދުކުރަން ޖޭޕީން ނިންމާފައިވާ ކަމެއް ހާމައެއް ނުކުރެ އެވެ.