މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް ފަރުވާދޭން ސަރުކާރުން ގެންގުޅޭ ސިޔާސަތު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އެވެ.
ސަރުކާރުން މިހާރު އެކުލަވާލާފައިވާ ސިޔާސަތަކީ މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުންނަށް ފަރުވާދީ އެ މީހުން އަނބުރާ މުޖުތަމައަށް ގެނައުމަށް އެމްޑީޕީގެ 2018 ވަނަ އަހަރުގެ މެނިފެސްޓޯގައި ވައުދުވެފައިވާ ކަމެކެވެ.
ހަސަން ލަތީފްގެ ގާރާރުގައި ބުނެފައިވަނީ ސަރުކާރުގެ މެނިފެސްޓޯގައި އެކަން ބުނެފައިވީ ނަމަވެސް ސަރުކާރުން މި ވައުދު ފުއްދުމަށް ގެންގުޅޭ ސިޔާސަތާއި ނިޒާމާއި އަދި އޮނިގަނޑު ރާވާފައިވާ ގޮތުން މެނިފެސްޓޯގެ އެ ލަނޑުދަނޑި ހާސިލުނުކުރެވޭނެ ކަމަށެވެ.
އެފަދަ މީހުންނަށް ފަރުވާ ދިނުމަށް އެމްޑީޕީގެ މެނިފެސްޓޯގައިވާ ތަސައްވަރާ އެއްގޮތަށް ފަރުވާ ދޭނެ ގާބިލުކަން ސަރުކާރުގެ އިންސާނީ ވަސީލަތްތަކުގެ ތެރޭގައި ނެތް ކަމަށް ގަރާރުގައި ބުނެފައިވެ އެވެ. އަދި ދިގު މުއްދަތަކަށް ބައިތިއްބައިގެން ފަރުވާ ދޭން ރާއްޖޭގައި ހުރި ދެ މަރުކަޒުގައި ވެސް ފަރުވާ ދޭނޭ މީހެއް ނެތިގެން އެ ތަނުގެ 50 އިންސައްތަ ވެސް ބޭނުން ނުކުރެވޭ ކަމަށް ގަރާރުގައި ވެ އެވެ.
މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން ދޭ ބޭސް ހާއްސަ އުސޫލުތަކެއްގެ ތެރެއިން ރާއްޖޭގެ ގިނަ ސަރަހައްދުތަކުން ލިބެން ހުންނަން ޖެހޭނެ ކަމަށާއި ބޭސް ދޫކުރާ ފާމަސީތަކާއި ފާމަސިސްޓުންގެ ޝަރުތުތަކާއި އަމަލުކުރަންޖެހޭ މިންގަނޑުތައް ސަރުކާރުން ކަނޑައަޅަންޖެހޭ ކަމަށް ގަރާރުގައިވެ އެވެ.
މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ރަނގަޅު ކައުންސެލިން ދެވޭނެ ގައުމީ އޮނިގަނޑެއް އެކުލަވާލައި ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ވެސް ކައުންސެލިންގެ ހިދުމަތް ދެވޭނެ އިންތިޒާމް ހަމަޖެހިފައި އޮންނަން ޖެހޭނެ ކަމަށް ވެސް ގަރާރުގައި ބުނެފައިވެ އެވެ.