ކުރީގެ ސަރުކާރުން ނެގި ލޯނުތަކުގެ އިންޓްރެސްޓް ރޭޓް އަށްވުރެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ނަގާ ލޯންތަކުގެ އިންޓްރެސްޓް ރޭޓް ބޮޑު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެ އެވެ.

ވޭތުވެ ދިޔަ ދިހަ އަހަރު ސަރުކާރުން ނަގާފައިވާ ދަރަނި ދެއްކުމާއި ދަރަނި ރީސްޓްރަކްޗާ ކުރުމަށް ސަރުކާރަށް ގޮވާލާ ގަލޮޅު އުތުރު ދާއިރަގެ މެމްބަރު އީވާ އަބްދުﷲ ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން އިލްޔާސް ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ސަނީ ސައިޑް ބޮންޑު ނެގީ ހަތް ޕަސެންޓުގައި ކަމަށާ އެމްޑީޕީ ސަރުކާރުން ސްކޫކް ނެގީ 10 ޕަސެންޓްގައި ކަމަށެވެ.

އިލްޔާސް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި 250 މިލިއަން ޑޮލަރުގެ ސަނީ ސައިޑް ބޮންޑެއް ހަތް ޕަސެންޓް އިންޓަރެސްޓް ރޭޓުގައި ބޭރުން ނެގުމުން އެމްޑީޕީން މުޅި މާލެއާއި ރާއްޖޭގައި މުޒާހަރާ ކުރި ކަމަށެވެ.

އިލްޔާސް ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯގައި ދަރަނި ރީސްޓްރަކްޗާ ކުރަން ޖެހޭނެ ކަމަށް ޖެހީ އެހެންވެ ކަމަށެވެ. އެހެން ނަމަވެސް ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެން 2021 ވަނަ އަހަރު 200 މިލިއަން ޑޮލަރު ނެގީ 10 ޕަސެންޓް އިންޓްރެސްޓް ރޭޓުގައި ކަމަށެވެ. އަދި ރާއްޖޭގައި ލިބޭ އާމްދަނީ 30 ބިލިއަނަށް ނާރާ ކަމަށާ އެކަމަކު ރާއްޖޭގެ ދަރަނި 100 ބިލިއަނުގައި ކަމަށް އިލްޔާސް ވިދާޅުވި އެވެ.

"ދައުލަތުގެ ދަރަނި އިންތިހާއަށް މައްޗަށްދާ ދިއުން މިއީ ކަންބޮޑުވުމެއް. ދައުލަތަށް މިއަހަރު ލިބޭނެ ކަމަށް އަންދާޒާ ކޮށްފައި އޮތީ 29 ބިލިއަން ރުފިޔާ. އަޅުގަނޑުމެންގެ ދަރަނި 113 ބިލިއަން ރުފިޔާގައި. މިވަރުން ކިހިނެއްތޯ ދައުލަތް ހިންގަނީ ވިސްނަން ޖެހޭ،" އިލްޔާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ދަރަނި މައްޗަށް ދާއިރުވެސް ސަރުކާރުން އެކި ނަންނަމުގައި ޕްރައިވެޓް ސެކްޓާ ވިޔަފާރި ކުރަން ގެންގުޅޭ ފައިސާކޮޅު ވެސް ނަގަމުންދާ ކަމަށެވެ.

އިލްޔާސް ވިދާޅުވީ ގައުމު ކުރިއަރާ ދާނީ ހެސްކިޔާފަ ފައިސާ ޗާޕުކޮށް އެ ބަހައިގެން ނޫން ކަމަށެވެ.އަދި މި ކަންކަމަކީ ކަންބޮޑުވާ ކަމެއް ކަމަށާ މައްސަލައަކީ މިކަންކަން ހައްލުކުރަންވެސް ސަރުކާރުން ނޫޅުން ކަމަށެވެ.

އިލްޔާސް މިގޮތަށް ވާހަކަ ދައްކަވަން ފެއްޓެވުމުން މިއަދު މަޖިލީހުގެ ޖަލްސާ ވަރަށް ހޫނުވި އެވެ. އަދި އިލްޔާސްގެ ވާހަކަތަކަށް ރައްދު ދެއްވާ ރައީސް ސޯލިހުއަށް ތާއީދު ކުރައްވާ އެމްޑީޕީ މެމްބަރުން މަޖިލީހުގައި އަޑުގަދަ ކުރެއްވި އެވެ.

އެގޮތުން ދާންދޫ ދާއިރަގެ މެމްބަރު ޔައުގޫބް އަޑުގަދަ ކުރައްވަން ފެއްޓެވުމުން މަޖިލީހުގެ ރައީސް ވަނީ ޔައުގޫބުގެ ނަން އިއްވާ މަޖިލީހުގެ ތަޅުމުން ބޭރުކޮށްފަ އެވެ.