އުމުރުން ހަތަރު އަހަރުގައި ޕޯޗުގަލްއިން ގެއްލުނު ކުޑަކުއްޖަކީ އޭނާ ކަމަށް ބުނެ ދައުވާކުރާ އަންހެނަކު ސޯޝަލް މީޑިއާގައި ވައިރަލް ވެއްޖެ އެވެ.

މިހާރު އުމުރުން 21 އަހަރުގެ ޕޮލެންޑް ރައްޔިތެއް ކަމަށްވާ ޖޫލިއާ ވެންޑެލް، އޭނާއަކީ މީގެ 16 އަހަރު ކުރިން ގެއްލުނު އިނގިރޭސި ވިލާތުގެ ރައްޔިތެއް ކަމަށްވާ މެޑެލިން މެކޭން (މެޑީ) ކަމަށް ދައުވާ ކޮށްފައިވަނީ ޓިކްޓޮކްއަށް ދޫކޮށްލި ވީޑިއޯއެއްގަ އެވެ.

1.1 މިލިއަން ފޮލޮވަރުން ހުރި ސޯޝަލް މީޑިއާ އެކައުންޓަށް ދޫކޮށްލި ވީޑިއޯގައި އޭނާވަނީ އޭނާއަކީ މެޑީ ކަމުގެ ހެކިތަކެއް ވެސް ދައްކާފަ އެވެ. އޭގެ ތެރޭގައި އޭނާގެ ހަށިގަނޑުގައި ހުރި ލަކުނުތަކާއި ލޮލުގައިވާ ހާއްސަ ސިފައެއް ވެސް ހިމެނެ އެވެ.

ހަތަރު އަހަރުގެ މެޑީ ގެއްލިފައިވަނީ 2007 ވަނަ އަހަރު އޭނާގެ އާއިލާއާއެކު ޕޯޗުގަލްގެ ޕްރައިއާ ޑަ ލުޒްއަށް ކުރި ޗުއްޓީ ދަތުރެއްގެ ތެރެއިންނެވެ.

މިކަމަށް ބާރުދެމުން ޖޫލިއާ ބުނެފައިވަނީ އޭނާގެ ކުޑައިރުގެ މާބޮޑު ހަނދާނެއް ނެތް ކަމަށާއި މިހާރުގެ މައިންބަފައިންނާއެކު އޭނާގެ ކުޑައިރުގެ އެއްވެސް ފޮޓޯއެއްވެސް ފެނިފައި ނުވާ ކަމަށެވެ. އަދި އޭނާގެ އުފަން ދުވަހުގެ ސެޓްފިކެޓްވެސް ހައްދާފައިނުވާ ކަމަށް ޖޫލިއާ ބުނެ އެވެ.

ޖޫލިއާއާއި މެޑީގެ އެއްގޮތް ސިފަތަކަށް ބަލާއިރު އެ ދެމީހުންގެ ވެސް ވާތު ލޮލުގެ ކަޅި ވަށް ނުވުން ހިމެނެ އެވެ. ކުޑައިރުގެ ފޮޓޯތައްހާ ސާފުކޮށު ނުފެނުނު ނަމަވެސް ފަރުވާތެރިކަމާއެކު ބަލައިފިނަމަ އެކަން ފާހަގަވާނެ ކަމަށް ޖޫލިއާ އެއްބަސްވެ އެވެ.

އެހެން ނަމަވެސް ޖޫލިއާގެ ދައުވާގައި ދިމާނުވާ ކަންކަން ވެސް އެބަހުއްޓެވެ. އެގޮތުން މެޑީއަށް މިއަހަރު ފުރޭނީ 20 އަހަރު ކަމަށް ވިޔަސް ޖޫލިއާއަށް މިހާރުވެސް ވަނީ 21 އަހަރު ފުރިފަ އެވެ. މިކަމަށް ޖޫލިއާގެ ޖަވާބަކަށްވީ އޭނާގެ މިހާރުގެ މައިންބަފައިން އޭނާގެ އުމުރު އޮޅުވާލާފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ޖޫލިއާއަށް އަމާޒުވެފައިވާއިރު އޭނާވަނީ މިކަމުގައި އޭނާއަށް އެހީވުމަށް ސައިކޭޓަރިސްޓެއްގެ އެހީއަށް އެދިފަ އެވެ.