ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ޕްރައިމަރީ އަށް ހުޅުވާލައިފި އެވެ.
ގުރައިދޫ ދާއިރާގެ އެމްއެންޕީ ޓިކެޓުގައި ވާދަކުރުމަށް ޕްރައިމަރީ އަށް ހުޅުވާލާފައިވަނީ އިއްޔެ އެވެ.
އެމްއެންޕީ އިން ބުނީ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ހުސްވެފައިވާ ގޮންޑިއަށް މެމްބަރަކު ހޮވުމަށް އެމްއެންޕީގެ ފަރާތުން ކުރިމަތިލާން ޝައުގުވެރިކަން ހުރި ބޭފުޅުންނަށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އަދި އިލެކްޝަންގައި ވާދަކުރުމަށް އެދޭ ބޭފުޅުން އެކަމަށް އެދޭ ފޯމު ފުރިހަމަކޮށް 7 މާޗްގެ ކުރިން ޕާޓީ އޮފީހަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.
އެ ޕާޓީ ތެރޭގައި ޕްރައިމަރީއެއް ބާއްވަން ޖެހޭ ހާލަތެއްގައި ވޯޓުލުން ކުރިއަށް ދާނީ 10 މާޗް ވަނަ ދުވަހުގެ މެންދުރު 2:00 އިން އިރުއޮއްސި 6:00 އަށް ކަމަށް ވެސް އެމްއެންޕީ އިން ބުނެ އެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ނިންމީ އެ ދާއިރާގެ މެމްބަރު ކަމަށް ހުންނެވި އިބްރާހީމް ރިޒާ މިދޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭ އަވަހާރަވުމުންނެވެ.
ގުރައިދޫ ދާއިރާގެ ބައި- އިލެކްޝަން ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައި ވަނީ އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު އެވެ. ގުރައިދޫ ދާއިރާގައި ހިމެނެނީ، ގުރައިދޫގެ އިތުރުން މާފުއްޓާއި ގުޅި އެވެ.
ރިޒާ އަވަހާރަވީ މެލޭޝިއާގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަނިކޮށް ކަމަށް މައުލޫމާތު ލިބެ އެވެ.
މަޖިލީހުގެ ޕީޕީއެމްގެ މެމްބަރު ރިޒާ ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސަކަން ވެސް ކުރައްވާފައި އެވެ.