ސްޓޫޑަންޓް ލޯނަށް އެދުމުގެ ފުރުސަތު މިއަންނަ ބުދަ ދުވަހަށް ހަމަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
މަތީ ތައުލީމަށް ކިޔެވުމަށް ބޭނުންވާ ދަރިވަރުންނަށް ލޯނަށް އެދުމުގެ ފރުރުސަތު ހުޅުވާލާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 15 ގައިއެވެ.
މިއަންނަ ބުދަ ދުވަހަށް މުއްދަތު ހަމަވާއިރު ލޯނަށް ކުރިމަތި ލުމުގެ އައު އުސޫލެއްވެސް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެކުލަވާލާފައި އެވެ.
މިފަހަރު ސްޓޫޑެންޓް ލޯނަށް ޖުމްލަ 720 ފުރުސަތު ހަޔަރ އެޑިއުކޭޝަނުން ވަނީ ހުޅުވާލާފައެވެ. އަދި އޭގެ ތެރެއިން 120 ފުރުސަތު ހާއްސަކޮށްފައި ވަނީ ސްޓޫޑަންޓް ލޯނު ނެގުމަށްފަހު ކިޔެވުން މެދު ކަނޑާލަން ޖެހުނު ދަރިވަރުންނަށެވެ.
މިއަހަރު ވަނީ ޑިމާންޑު ބޮޑު ދާއިރާތަކުން ޖާގަ އިތުރު ކޮށްފައި އެވެ. އޭގެ ތެރެއިން ޕައިލެޓް ޓްރެއިނިން އަށް 60 ފުރުސަތު، ރާއްޖެއިން ބޭރުން އެމްބީބީއެސް ޑިގްރީ ހެދުމަށް 55 ފުރުސަތު އަދި ރާއްޖެއިން ބޭރުން މާސްޓާސް ޕޯސްޓް ގްރެޖުއޭޓް މެޑިސިން ހެދުމަށް 20 ފުރުސަތު ވަނީ ހުޅުވާލާފައި އެވެ.
ސަރުކާރުން މަތީ ތައުލީމް ހާސިލްކުރުމަށް ސްޓޫޑެން ލޯން ހަމަޖައްސަވައިދެއްވަމުން އަންނައިރު ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ވެސް އަންނަނީ ފަހިކޮށްދެމުންނެވެ.
ރާއްޖޭގައި ހިލޭ ޑިގްރީއަށް ކިޔަވާދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.
ދަރިވަރުންނަށް ހިލޭ ޑިގްރީ ފުރުސަތުތައް ފަހިކުރަމުން ގޮސް މި އަހަރުގެ ނިޔަލަށް 5،000 އަށްވުރެ ގިނަ ކުދިން ހިލޭ ޑިގްރީ ހަދައިގެން، ގައުމު ބިނާކުރުމަށް ނުކުންނާނެ ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް ވަނީ ވިދާޅުވެފައި އެވެ.