ދިވެހިރާއްޖެއަށް ވަޒީފާއަދާ ކުރުމަށް ގެންނަ ބިދޭސީންނަށް ދައްކަންޖެހޭ ކޯޓާ ފީ، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ދެއްކޭނެ ނިޒާމު މާދަމާ އިން ފެށީގެން ހަމަޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ދޭ ހިދުމަތްތައް ކުރިއަށް ވުރެ ފަސޭހައިން ލިބޭނެ ކަމަށް މިނިސްޓްރީންބުނެ އެވެ.
މިނިސްޓްރީ އިން ބުނީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ބޭނުންވާ ހުއްދަ ދޫކުރުމާއި، އެ ބިދޭސީންގެ ކަންކަން ހަރުދަނާގޮތެއްގައި ބެލެހެއްޓުމަށް ބޭނުންވާ ނިޒާމެއް އެކުލަވާލައި، ހިދުމަތް ލިބިގަންނަ މީހުންނަށް ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމަށް އެކްސްޕެޓް ސިސްޓަމް އަޕްގްރޭޑް ކުރަމުން އަންނަ ކަމަށެވެ.
އަދި ދޫކުރާ ކޯޓާ ބޭނުންކުރުމުގެ އިންތިޒާމަށް ގެނެވޭ ބަދަލުތައް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ތަންފީޒު ކުރުމުގެ ގޮތުން އެކްސްޕެޓް ސިސްޓަމްއިން ދެމުންގެންދިޔަ ބައެއް ހިދުމަތްތައް މިދިޔަ މަހުގެ 26 މެދުކަނޑާލާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެހިދުމަތްތައް މާދަމާ އިން ފެށިގެން އެކްސްޕެޓް މެދުވެރިކޮށް ލިބޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ސިސްޓަމް ހުޅުވާލެވޭއިރު، ދިވެހިރާއްޖެއަށް ވަޒީފާއަދާ ކުރުމަށް ގެންނަ ބިދޭސީންނަށް ދައްކަންޖެހޭ ކޯޓާ ފީ، ވަޒީފާދޭ ފަރާތްތަކަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ދެއްކޭނެ ނިޒާމު ހަމަޖެހޭނެ ކަމަށެވެ.
ކޯޓާ ފީ އަކީ، ވަޒީފާ ދޭ ފަރާތުން "ޔުޓިލައިޒް" ކުރާ ކޮންމެ ކޯޓާ އަކަށް 12 (ބާރަ) މަސްދުވަހުގެ މުއްދަތަށް 2000 (ދެހާސް) ރުފިޔާއެވެ.
ވަޒީފާދޭ ފަރާތްތަކަށް ލުއިފަސޭހަވާނެ ގޮތެއްގެ މަތިން ކޯޓާ ފީ ދެއްކުމުގެ ކަންތައްތައް ހަމަޖައްސައި ދިނުމަށްޓަކައި، ކޯޓާ ފީ 12 (ބާރަ) މަސްދުވަހަށް ބަހާލައިގެން ޝެޑިއުލް ޕޭމަންޓެއްގެ ގޮތުގައި ދެއްކުމުގެ އިޚްތިޔާރު ސިސްޓަމް ތެރެއިން ވަޒީފާ ދޭ ފަރާތަށް ލިބޭނޭ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.