ދައުލަތުގެ އޮފީސްތަކުގެ ހަރަދުތައް ކުރުމަށް ކްރެޑިޓް ކާޑު ބޭނުން ކުރެވޭ ގޮތަށް ހަދައި، އެކަމުގައި އަމަލުކުރަން ޖެހޭ އުސޫލު ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީ އިން ބުނީ ދައުލަތުގެ އިދާރާތަކުން ހަރަދުތައް ކުރުމަށް ކްރެޑިޓް ކާޑު ބޭނުންކުރެވޭ އުސޫލެއް ހެދީ، ދައުލަތުގެ އޮފީސްތަކުން ކުރަންޖެހޭ މާލީ މުޢާމަލާތްތައް އިންޓަނެޓް ބޭންކިން ނޫން ގޮތް ގޮތަށް ކުރެވެން ނުހުންނަ ހާލަތްތަކުގައި މާލީ މުއާމަލާތްތައް ކުރުމުގެ ފުރުސަތުގެ ފަހިކޮށްދިނުމަށް ކަމަށެެވެ.

އޮފީސްތަކުން ކްރެޑިޓް ކާޑަށް އެދި އެކަމަށް ހާއްސަ ފޯމެއް ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަން ޖެހެ އެވެ. އަދި އެ ފޯމުގައި ކާޑު ބޭނުންކުރާ މަގުސަދާއި ބޭނުންވާ ކްރެޑިޓް ލިމިޓް އަދި ނޮމިނީންގެ ތަފުސީލުތައް ހިމަނަން ޖެހޭނެ އެވެ. މީގެ އިތުރުން އެ ފޯމާއެކު އެ ކާޑު ދޫކުރާ ފައިނޭންޝަލް އިންސްޓިއުޓުގެ މައުލޫމާތު ފޯމާއި، ނޮމިނީންގެ އައިޑީކާޑު ކޮޕީ ހުށަހަޅަންޖެހެ އެވެ.

ކްރެޑިޓް ކާޑު ބޭނުން ކުރުމަށް ފިނޭންސް މިނިސްޓްރީން ހަދާފައިވާ އުސޫލުގައި ބުނެފައި ވަނީ ދައުލަތުގެ އިދާރާތަކަށް ދޫކުރާ ކްރެޑިޓް ކާޑުން ކުރާ ހަރަދުތައް މާލިއްޔަތު ގަވާއިދުގެ ދަށުން ބަޖެޓު ކުރެވިފައިވާ ހަރަދުތަކަށް ވާންޖެހެ އެވެ. އަދި މި ކާޑުތަކުން ކުރާ ހަރަދުތަކުގެ ތަފްސީލު ފިނޭންސްއަށް ހުށަހަޅަން ޖެހެ އެވެ.

މި ކްރެޑިޓް ކާޑުތަކުގެ ކްރެޑިޓް ލިމިޓް ކަނޑައެޅުމުގެ ބާރު ލިބިގެން ވަނީ ފިނޭންސް މިނިސްޓްރީ އަށެވެ. އަދި އެ ލިމިޓަށް ވުރެ އިތުރަށް ހަރަދުކުރާ ނަމަ މިނިސްޓްރީން ލިޔުމުން ހުއްދަ ހޯދަން ޖެހެ އެވެ.

ދައުލަތުގެ އިދާރަތަކަށް ފިނޭންސް މިނިސްޓްރީ އިން ދޫކުރާ ކްރެޑިޓް ކާޑު ގެއްލިގެން ނުވަތަ ހަލާކުވެ، ކާޑުން ގޮތް ނޭނގޭ މުއާމަލާތްތަކެއް ހިނގާނަމަ އެކަން އެ އޮފީހެއްގެ އިސްވެރިން މެދުވެރިކޮށް މިނިސްޓްރީއަށް އަންގަން ޖެހޭނެ ކަމަށް އެ އުސޫލުގައިވެ އެވެ.

އަދި ގަވާއިދާ ހިލާފަށް ކްރެޓިޑް ކާޑު ބޭނުންކުރާ ނަމަ އެ ކާޑުގެ ނޮމިނީ ބަދަލުކުރުން ނުވަތަ ކާޑު އަތުލައި، ކެންސަލް ކުރުމުގެ ބާރު ފައިނޭންޝަލް ކޮންޓްރޯލާއަށް މި އުސޫލުން ލިބިދެ އެވެ.