ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައިވީ ނަމަވެސް ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފުކޮށްފައި އޮތުމުން ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
"ސަން އޮންލައިން" އަށް އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރައީސް ޔާމީން އިންތިހާބުގައި ވާދަކުރުމަށް ކެންޑިޑެސީ ހުށަހެޅުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި ރައީސް ޔާމީންގެ ކެންޑިޑެސީ އިލެކްޝަނުން ބަލައިގަތުމުގެ ފުރުސަތު ވެސް ބޮޑު ކަމަށް ފުއާދު ވިދާޅުވި އެވެ.
ފުއާދު ވިދާޅުވީ ރައީސް ޔާމީނަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކޮށްފައި އޮތުމުން އިންތިހާބަށް ކެންޑިޑެސީ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެމަނިކުފަނު ކެންޑިޑެސީ ހުށަހަޅައިފި ނަމަ ކޮމިޝަނުން އެކަމާ ގުޅޭ ގާނޫނީ ލަފާ ހޯދާނެ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.
މިކަމާ ގުޅިގެން "ހުރިހާ" އިން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދުއަށް ގުޅަން މަސައްކަތް ކުރުމުން ވެސް ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.
ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ޖަލުހުކުމް އެމަނިކުފަނުގެ ފަރާތުން މިދިޔަ މަހުގެ 21 ވަނަ ދުވަހު ވަނީ ހައިކޯޓަށް އިސްތިއުނާފަށް ހުށަހަޅާފަ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ފަސް މިލިއަން ރުފިޔާގެ ޖޫރިމަނާ އެއްކޮށް ހުކުމް އިއްވާފައި ވަނީ މިދިޔަ އަހަރުގެ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގައި އެވެ.
ރައީސް ޔާމީންގެ މައްޗަށް އިއްވާފައި ވަނީ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. ކުރިމިނަލް ކޯޓުން ހުކުމް ކުރުމާއެކު ރައީސް ޔާމީންއަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ވަނީ ގެއްލިފައި އެވެ.
ދެން ޔާމީނު ކުރިމަތިލައިގެން ހޮވޭތަނުންވެސް ހައިކޯޓުން ނޫނީ ސްޕްރީމް ކޯރޓުން ހުކުމް ދަމަހައްޓައިފިއްޔާ ހުވާކުރައްވާނީ ފުވާދު ދެއްތޯއެވެ؟