ހިންދީ ޓީވީ އަދި ފިލްމުތަކުން ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ކޮމީޑިއަން ކަޕިލް ޝަރްމާއަށް ރަނގަޅަށް އިނގިރޭސިން ވާހަކަ ދައްކަން ނޭނގޭ ކަމަށް އޭނާ އެތައް ފަހަރަކު އެއްބަސްވެފައިވެ އެވެ.

ފިލްމީ ދާއިރާއަށް ނުކުތްއިރު އެއީ އޭނާ ވަރަށް ކަންބޮޑުވި ކަމެއް ކަމަށާއި އެހެން މީހުންގެ މަލާމާތާއި ފުރައްސާރަ އަމާޒު ވެދާނެތީ ހާސްވި ކަމަށް ވެސް އޭނާ ބުންޏެވެ.

އެހެން ކަމުން އެ ބިރުން އަރައިގަތުމަށްޓަކައި އޭނާގެ އަމިއްލަ އުކުޅެއް ބޭނުން ކުރަން ފެށި ކަމަށާއި އެއީ އެހެން މީހުން އޭނާއަށް މަލާމާތް ކުރުމުގެ ކުރިން ޚުދު އަމިއްލައަށް އެކަމަށް ހަޖޫ ޖެހުން ކަމަށް ވެސް ކަޕިލް ބުނެފައިވެ އެވެ.

ކަޕިލް ހުށައަޅައިދޭ ދަ ކަޕިލް ޝަރްމާ ޝޯ ހުށައަޅައިދޭއިރު އެކި ފަހަރު މަތިން އޭނާގެ އިނގިރޭސި ހުނަރަށް ހަޖޫ ޖަހައި ވާހަކަ ދައްކަ އެވެ. އެ ޖޯކުތަކަށް ބެލުންތެރިންގެ ތާއީދު ވެސް ލިބެ އެވެ.

ޓީވީ ޝޯ ހޮސްޓެއްގެ ގޮތުގައި މަސައްކަތް ކުރުމަށްފަހު ކަޕިލް މިހާރު ވަނީ ބޮލީވުޑަށް ވެސް ނުކުމެފަ އެވެ. އެގޮތުން އޭނާގެ ބައެއް ފިލްމުތައް މިހާރުވެސް ނިކުމެފައިވެ އެވެ.

އެހެން ނަމަވެސް އަދިވެސް ކަޕިލް މަޝްހޫރު ވެފައިވަނީ އެކްޓަރަކަށްވުރެ ބޮޑަށް ޓީވީ ހޮސްޓެއްގެ ގޮތުގަ އެވެ. އެކަން ހުދު އޭނާ ވެސް ގަބޫލު ކުރެ އެވެ.