ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި މިރޭ އާޖެންޓީނާއާ ދެކޮޅަށް ސްޕެއިން ކުޅޭ މެޗަކީ ފިސިކަލް ގޭމަކަށް ވާނެކަން އެނގޭ ކަމަށާއި އެފަދަ ގޭމަކަށް ވެސް ސްޕެއިން އޮތީ ތައްޔާރަށް ކަމަށް ސްޕެއިންގެ ކެޕްޓަން ރޮޑްރީ ބުނެފި އެވެ.

އާޖެންޓީނާ މިރޭގެ މެޗަށް ނުކުންނާނީ ވޯލްޑް ކަޕްގެ ތަށި ދިފާއުކުރުމުގެ އުންމީދުގަ އެވެ. މިއީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން ސްޕެއިން ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅޭ ފުރަތަމަ ފަހަރެވެ.

މެޗުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން ރޮޑްރީ ބުނީ ފައިނަލް މެޗުގައި ފިސިކަލް ގޭމެއް ފެންނާނެކަން ސްޕެއިންއަށް އެނގޭ ކަމަށެވެ. އަދި ސްޕެއިނަކީ އެކި ސިސްޓަމްތަކަށް ކުޅެވޭނެ ޓީމެއްކަން މުބާރާތުގައި ސާބިތު ކޮށްދީފައިވާނެ ކަމަށެވެ.

"މުޅި މުބާރާތަށް ބަލާއިރު އެއް ގޮތަކަށް ސްޕެއިން ކުޅޭ ތަނެއް ނުފެންނާނެ. އަހަރަމެންނަށް އެނގޭ ފައިނަލް މެޗުގައި ފިސިކަލް ގޭމެއް ފެންނާނެކަން. ސްޕެއިން އޮތީ އެކަހަލަ ގޭމަކަށް ވެސް ތައްޔާރަށް،" ރޮޑްރީ ބުންޏެވެ. "އަހަރަމެންނަށް އެނގޭ ޑިފެންސް، ކައުންޓާ އެޓޭކް އަދި އެޓޭކިން ގޭމެއް ވެސް ކުޅެން. ސްޕެއިނަކީ ވަރަށް ފުރިހަމަ ޓީމެއް. އެހެންވެ ފައިނަލްގައި މި އޮތީ."

ސްޕެއިންގެ ކޯޗު ލުއިސް ޑެލަފުއެންޓޭގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ 2023 ވަނަ އަހަރުގެ ޔުއޭފާ ނޭޝަންސް ލީގު އަދި 2024 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށްފަ އެވެ.

ރޮޑްރީ ބުނީ ވޯލްޑް ކަޕްގެ ފައިނަލުން ޖާގަ ލިބުމަކީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި ސްޕެއިންގެ ޓީމުން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ.

"އަހަރަމެންގެ އަމާޒަކީ ވޯލްޑް ކަޕްގެ ތަށި ކާމިޔާބުކުރުން. ފާއިތުވި އަހަރުތަކުގައި އަހަރަމެން ސާބިތުކޮށްދިނިން ވަރުގަދަ ޓީމުތައް ބަލި ކުރެވޭނެކަން،" ރޮޑްރީ ބުންޏެވެ.