ޓޭޒާ ގަން ބޭނުންކުރާނީ ހަމައެކަނި ފުލުހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ މަޖީދިއްޔާ ސްކޫލުގައި ފެށި ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސްގައި ދެއްކެވި ވާހަކަފުޅުގަ އެވެ. މިކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޓޭޒާ ގަންއަކީ ނުރައްކާތެރި ކުށްވެރިންނާއި ކުރިމަތިލާއިރު ފުލުހުން އަދި ކުށްވެރިޔާގެ ވެސް ރައްކަލަކަށް ބޭނުންކުރާ ވަސީލަތެއް ކަމަށެވެ.

އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ ފުލުހުން ކިތަންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލިޔަސް، ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީވެސް ކުރަން ޖެހޭ ކަމެއް ކަމަށާއި ފުލުހުންނަށް ލިބޭ ގާނޫނީ ރައްކާތެރިކަމާއި ޖިސްމާނީ ރައްކާތެރިކަން ކަށަވަރު ކުރަން ޖެހޭ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"ފުލުހުންގެ ހިދުމަތަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް އަޅުގަނޑުމެން އެބަ ހޯދަން. އެކަމުގައި، މިދިޔަ ފަސް އަހަރުގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ލިބިއްޖެ ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން 2023 ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ޒަމާނަށް އަންނަ ބަދަލުތަކާއެކު ކުށްވެރިން ކުށްކުރާ ގޮތްތަކަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަމަށާއި، އެކަމަށް ފުލުހުން ފާރަވެރިވުން މުހިންމުކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެެވެ. އަދި އެފަދަ ކަންކަމުގެ ސަަބަބުން ފުލުހުންގެ ތައްޔާރީ ހާލަތަށް ބޮޑެތި ބަދަލުތަކެއް ގެންނަން މަޖުބޫރުވާ ކަމަށާއި އެ ބަދަލުތަކާއި އެކަށޭނެ ގޮތަށް ފުލުހުންގެ ހިދުމަތަށް ބަދަލު ގެނައުމަށް ބޮޑެތި އިސްކަމެއް ދޭންޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.