ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ސްޕެޝަލް އެންވޯއީގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދު މިއަދު އައްޔަންކޮށްފި އެވެ.

ގާސިމްގެ ސްޕެޝަލް އެންވޯއީގެ މަގާމަށް އިލްހާމް ހަމަޖެއްސީ މިއަދު އޮތް ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމުގަ އެވެ.

ގާސިމްގެ ސްޕެޝަލް އެންވޯއީގެ މަގާމަށް އިލްހާމް ހަމަޖެއްސިއިރު އޭނާ ހުންނެވީ ގާސިމްގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމުގަ އެވެ.

ކައުންސިލުން އިލްހާމް ގާސިމްގެ އެންވޯއީގެ މަގަމަށް ހަމަޖެއްސުމާއެކު އޭނާ ކުރިން ހުރި މަގާމުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

އިލްހާމް ގާސިމްގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމާށް އިންތިހާބު ކުރީ ޖޭޕީން މިދިޔަ ފެބްރުއަރީ މަހު 24 ވަނަ ދުވަހު ބޭއްވި އެޕާޓީގެ ކޮންގްރެސްގަ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ އިން އެކި ސިޔާސީ ޕާޓީތަކާއި ސިޔާސީ ބޭފުޅުންނާ މަޝްވަރާ ކުރަމުން ގެންދާއިރު އިލްހާމް ވެސް ގެންދަވަނީ އެ މަޝްވަރާތަކުގައި ބައިވެރިވަމުންނެވެ.

އެގޮތުން މިހަމުގެ ކުރީކޮޅު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ފިކުރެއްގެ ދިރުން ނަމުގައި އެމްޑީޕީގެ ވަކި ފެކްޝަނެއް ހައްދަވައިގެން އުޅުއްވާ ރައީސް މުހައްމަދު ނަޝީދުއާ ވެސް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ގާސިމްގެ ފަރާތުން އިލްހާމް ބައްދަލުކުރައްވާފައިވެ އެވެ.

އިލްހާމަކީ ކުރިން ދެ ދައުރެއްގައި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރަގެ މެމްބަރެވެ.

އިލްހާމް ޖޭޕީއަށް ސޮއިކުރެއްވީ ޕީޕީއެމްއިން އޭނާ ވަކިިކުރުމާއި ގުޅިގެންނެވެ. ޕީޕީއެމްއިން އިލްހާމް ވަކިކުރީ ރައީސް ޔާމީން ވެރިކަމުގައި އޭރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލާގައި އިލްހާމް ވެސް ސޮއިކޮށް އަނބުރާ ސޮއި ނުނެގުމުންނެވެ.