މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ޓިކެޓް، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ޕާޓީގެ ރައީސް މުހައްމަދު ނާޒިމްއަށް ރަސްމީކޮށް ހަވާލުކުރުމުގެ ޖަލްސާ މެއި މަހުގެ 5 ދުވަހު ބޭއްވުމަށް ހަމަޖައްސައިފި އެވެ.

ދަނގެތީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ ނާޒިމްއަށް އެމްއެންޕީގެ ރިޔާސީ ޓިކެޓް ދިނުމަށް ނިންމީ ނާޒިމު ރިޔާސަތުގައި އިންނަވައިގެން ރޭ ބޭއްވި އެމްއެންޕީގެ ކައުންސިލްގެ ތިންވަނަ ބައްދަލުވުމުގަ އެވެ.

އެމްއެންޕީ ގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލާން ހުޅުވާލާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 1 ވަނަ ދުވަހު އެޕާޓީގެ ފުރަތަމަ ކައުންސިލް ބައްދަލުވުމުގަ އެވެ. އެ ފުރުސަތުގައި އެމްއެންޕީގެ ޕްރައިމަރީއަށް ކުރިމަތިލައްވާފައި ވަނީ ނާޒިމް އެކަންޏެވެ.

އެމްއެންޕީގެ އަސާސީ ގަވައިދު ބުނާ ގޮތުން އެންމެ ބޭފުޅަކު ކުރިމަތިލައްވައިފި ނަމަ އިންތިހާބެއް ބާއްވާކަށް ނުޖެހޭނެ އެވެ. އެހެންވެ ނާޒިމަށް މިހާރު ވަނީ ރިޔާސީ ޓިކެޓް ކަށަވަރުވެފަ އެވެ.

މިއަހަރު ބައްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައި ވަނީ އެމްޑީޕީއާއި ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީ އަދި ޕީޕީއެމް އެކަންޏެވެ. އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކެމްޕޭން ފަށާފައިވެ އެވެ.