ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ދާއިރާތަކުގެ ރައީސުން ހޮވަން ނިންމައި، ދާއިރާތަކުގެ ރައީސުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފި އެވެ.

ޖޭޕީން ނިންމާފައި ވަނީ ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާ 87 އިދާރީ ދާއިރާއަށް ވެސް ރައީސުން އިންތިހާބު ކުރުމަށެވެ.

ޖޭޕީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ދާއިރާ ރައީސް ކަމަށް ކުރިމަތިލުމަށް ޝައުގުވެރިވާ އެޕާޓީގެ މެންބަރުން އަންނަ އޭޕްރީލް 20 ދުވަހުގެ 3:00 ގެ ކުރިން އެކަމަށް އެދޭ ފޯމް ފުރުމަށްފަހު ޕާޓީގެ ނަމްބަރު 7478414 އަށް ވަޓްސްއެޕް ކޮށްދިނުން އެދޭ ކަމަށެވެ. ހަމައެއާއެކު އެ މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކަށް ފޯމާއެކު ހުށަހަޅަން ޖެހޭ ތަކެތި މާފަންނު ކްނޫޒަށް ވެސް ހުށަހެޅޭނެ ކަމަށް ޖޭޕީއިން ބުންޏެވެ.

ދާއިރާ ރައީސުން އިންތިޚާބު ކުރުމުގެ ކަންކަން ބެލެހެއްޓުމަށް ޖޭޕީން ވަނީ ހާއްސަ ކޮމިޓީއެއް އެކުލަވާލާފަ އެވެ.

ޖުމުހޫރީ ޕާޓީން މިހާރު ދަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރ ވަމުންނެވެ. އަދި ޕާޓީގެ ޓިކެޓްގައި ރިޔާސީ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.