ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ނުހަދާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ އިން ބުނެފި އެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް ގާސިމަށް ލިބުމާއެކު އެ ޕާޓީން ވަނީ ކޯލިޝަން ހެދުމުގެ ދައުވަތު ސިޔާސީ ޕާޓީތަކަށް ފޮނުވާފަ އެވެ.
ޖުމްހޫރީ ޕާޓީން ދިން ދައުވަތާ ގުޅިގެން މަޝްވަރާ ކުރުމަށްފަހު އެމްއެންޕީން އެހެން ޕާޓީއަކުން އިސްވެ އޮންނަ ކޯލިޝަނެއްގައި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ބައިވެރި ނުވުމަށެވެ.
އެހެން ޕާޓީއެއް އިސްވެ އޮވެ އުފައްދާ ކޯލިޝަނެއްގައި ބައިވެރިވުމަކީ، އެ ޕާޓީގެ އަސާސީ ޤަވާޢިދުގައި ކަނޑައަޅާފައިވާ ޝަޚްސީ މަޤުޞަދު ގެއްލޭނެ އަމަލަކަށްވުމުގެ އިތުރުން، އެ ދައުވަތު ގަބޫލުކުރުމަކީ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓަކު ކުރިމަތިލާނެ ކަމަށް ކެނޑިނޭޅި ރައްޔިތުންނަށް ދެމުންދިޔަ ޔަގީންކަން ގެއްލިގެންދާނެ ކަމެއް ކަމަށްވެސް އެމްއެންޕީން ބުނެ އެވެ.
މީގެ އިތުރުން، އެހެން ޕާޓީއެއްގެ ފަހަތަށް މިރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެރުމަކީ ޕާޓީގެ އާންމު މެމްބަރުންނާއި ޕާޓީއަށް ތާޢީދުކުރާ ފަރާތްތަކުގެ ވިސްނުމާ ފުށުއަރާނެ ނިންމުމެއް ކަމަށްވެސް އެމްއެންޕީން ވަނީ ބުނެފަ އެވެ.
ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހެދުމުގެ ދައުވަތު އެމްއެންޕީގެ އިތުރުން ޕީޕީއެމާއި އެމްއާރްއެމްގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރަށް ވެސް އެ ޕާޓީން ވަނީ ދީފަ އެވެ. ނަމަވެސް އެ ޕާޓީއާ ކޯލިޝަން ހަދަން އެއްވެސް ފަރާތަކުން އަދި ނިންމާފައެއްނުވެ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ކޯލިޝަން ހަދަން ދިން ދައުވަތު ގަބޫލުނުކޮށް ޖޭޕީން ވަނީ އެ ޕާޓީން ވަކިން އިންތިހާބުގައި ވާދަލުރަން ނިންމާފަ އެވެ.