އެތެރެ ހަށީގައި ފޮރުވައިގެން އެތެރެކުރަން އުޅުނު ރަންތަކެއް އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން ބުނީ މިިދިޔަ މާޗު މަހު ވައިގެ މަގުން އަބޫދާބީން ރާއްޖެ އައި ފަތުރުވެރިއަކާ މެދު ޝައްކު ކުރެވިގެން އެ މީހާގެ ހަށިގަނޑު ބަލައި ފާސްކުރި ކަމަށެވެ. އެގޮތުން ބޮޑީ ސްކޭން ކުރި އިރު ހަށިގަނޑުގެ ތެރޭގައި އެއްޗެއް ރައްކާ ކުރެވިފައި ހުރިކަން އެނގުނު ކަމަށް ކަސްޓަމްސްއިން ބުނެ އެވެ.

ކަސްޓަމްސް އިން ބުނީ އެ ތަކެއްޗާ ގުޅޭ ގޮތުން ސުވާލު ކުރުމުން ހަށިގަނޑުގައި ރަން ހުންނާނެ ކަމަށް އޭނާ އެއްބަސްވި ކަމަށެވެ.

ކަސްޓަމްސް އިން ބުނީ އޭނާގެ ހަށިގަނޑުން ނެގި ރަނުގެ ބަރުދަނުގައި ޕެކިންއާއެކު 361 ގްރާމް ހުރި ކަމަށެވެ. އެ މައްސަލައިގައި ހައްޔަރުކުރީ އިންޑިއާގެ 43 އަހަރުގެ ފިރިހެނެކެވެ.

އެ މައްސަލަ ތަހުގީގް ކުރަމުންދާ ކަމަށް ކަސްޓަމްސްއިން ބުނެ އެވެ.

އެތެރެހަށީގައި ރައްކާ ކޮށްގެން ރަނުގެ އިތުރުން މަސްތުވާތަކެތި ވެސް ރާއްޖެ އެތެރެ ކުރެ އެވެ. އަދި އެފަދަ މައްސަލަތަކުގައި މީގެ ކުރިން އެތައް ބަޔަކު ހައްޔަރުކޮށްފައި ވެސް ވެ އެވެ.