ޑިޒަިއން އެންޑް ބިލްޑް އުސޫލުން ރ. އަތޮޅު އަލިފުށީގެ މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫޢު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާ ހަވާލުކޮށްފި އެވެ.

އާރްޑީސީއާ މިމަޝްރޫއު ހަވާލުކޮށްފައިވަނީ 90 މިލިއަން ރުފިޔާއަށެވެ. އަދި މި މަޝްރޫއު 17 މަސްދުވަހުގެ ތެރޭގައި ނިންމަންޖެހެ އެެވެ.

މި މަސައްކަތުގެ ދަށުން އަލިފުށީގެ 8.3 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މަގުތަކުގައި ފެންހިންދާ ނިޒާމް ގާއިމްކުރުމާއި، މަގުތަކުގައި މަގުބައްތިޖެހުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މަގުތައް ހެދުމުގެ މަސައްކަތުގެ ދަށުން އެއަރޕޯޓަށް ދާން އޮންނަ މަގާއެކު ޖުމުލަ 7 މަގެއްގައި ތާރު އެޅުމަށްވަނީ ހަމަޖެހިފަ އެވެ. އަދި ރަށުގެ އެންމެ ބޮޑެތި މަގުތަކާއި، ސްކޫލް މަގުވެސް ތާރުއަޅައިގެން ތަރައްގީކުރުމަށް ހަމަޖެހިފައިވެ އެވެ.

ޕްލޭނިންގ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގް އެވެ. އަދި މަސައްކަތުގެ ކޮންޓްރެކްޓަރ ކަމަށްވާ އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލިމަނިކެވެ.

އާރްޑީސީންދަނީ އަމީނީ މަގުގައިވެސް ތާރު އެޅުމުގެ މަސައްކަތްކުރަމުންނެވެ. އެމަސައްކަތްކުރާތާ ހައެއްކަ މަސްވެފައިވާއިރު ތާރު އެޅިފައިވަނީ އަދި ވަރަށް ކުޑަ ސަރަހައްދެއްގަ އެވެ. އެކަމާ ގުޅިގެން ރައްޔިތުންގެ ފާޑުކިޔުން އާރްޑީސީއަށްވަނީ އަމާޒުވެފަ އެވެ.