ކޮތަޅުން ޓެކްސް ނެގުމުގެ ތަކުލީފު ރައްޔިތުން އުފުލަންޖެހުނީ ގާނޫނަށް އިސްލާހު ހުށަހެޅިއިރު، އޭގައި ހިމެނި ބައެއް ކަންކަން ރައްޔިތުންގެ މަޖިލީހުން އުނިކުރުމުން ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ކޮތަޅުބޮނޑި އަގުބޮޑުވީ ކުނި މެނޭޖުކުރުމުގެ ގާނޫނުގައި ވާގޮތުން ކޮތަޅު ބޮނޑި ހޯލްސޭލް ރޭޓުގައި ގަތަސް، އެ ބޮނޑީގެ އަގުގެ އިތުރުން ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ފީ ދައްކަން ޖެހޭތީ ކަމަށެވެ. އާންމު ގޮތެއްގައި ބޮނޑި ޕެކްކޮށްފައި ހުންނަނީ 100 ކޮތަޅުން ކަމަށް ވެފައި ކޮންމެ ކޮތަޅަކުން ދެ ރުފިޔާގެ ރޭޓުން ޖުމުލަ 200 ރުފިޔާ ފީގެ ގޮތުގައި ދައްކަން ޖެހޭ ކަމަށް ބަޔާނުގައިވެ އެވެ.

މިނިސްޓްރީން ބުނީ ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ބިލު ސަރުކާރުން މަޖިލީހަށް ހުށަހެޅިއިރު ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގައި އިސްތިސްނާ ވާ ހާލަތްތަކުގެ ތެރޭގައި 50އަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅުބޮނޑި ހިމަނާފައިވާނެ ކަމަށެވެ. ނަމަވެސް، ބިލު މަޖިލީހުން ފާސްވެގެން އައި އިރު އެ މާއްދާ އުނިކުރެވިފައިވާ ކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

"މި މާއްދާ އުނިކުރެވިފައި ވިޔަސް، އެ ބިލަކީ ކުނީގެ އަސާސީ ހިދުމަތް ދިނުމަށް މުހިންމު ބިލަކަށްވާތީވެ، ސަރުކާރުން ނިންމީ ތަސްދީގުނުކޮށް ފޮނުވާލުމުގެ ބަދަލުގައި އެހެން ކުރި މައްސަލަތައް ހައްލު ހޯދައި ދިނުމަށް ހުށަހަޅަން ޖެހޭ އިސްލާހުތައް ވަކިން ހުށަހެޅުމެވެ،" ބަޔާނުގައިވެ އެވެ.

މިދިޔަ މަހު ރައްޔިތުން މަޖިލީހަށް ސަރުކާރުން އިސްލާހެއް ހުށަހަޅާފައިވާނެ ކަމަށާއި އެ އިސްލާހު ފާސްވުމުން މިކަމަށް ހައްލު ލިބޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ތިމާވެށީގެ މިނިސްޓްރީން ވަނީ ޕްލާސްޓިކް ކޮތަޅުން ފީއެއް ނަގަން ނިންމީ އާއްމު ދިރިއުޅުމުގައި ޕްލާސްޓިކް ބޭނުން ކުރާ މިންވަރު މަދު ކުރުމަށެވެ. އަދި މިކަމުގައި އާއްމުންގެ ފަރާތުން އެއްބާރުލުން ދިނުމަށް ވެސް އެ މިނިސްޓްރީގެ ބަޔާނުގައި އެދިފައިވެ އެވެ.