ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެންޑިޑެސީއަށް މި ސަރުކާރުން ހުރަސް އަޅަމުންގެންދާ ކަމަށް ބުނެ އެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ޕީޕީއެމްއިން ހުށަހަޅައިފި އެވެ.
ޕީޕީއެމް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ ރައީސް ޔާމީނަށް ނުހައްގުން ޖަލުގައި ބަހައްޓައިގެން ދެމުންގެންދާ އަނިޔާތަކާ ގުޅޭގޮތުން އެކި މުއައްސަަސާތަކާ ބައްދަލުކުރަމުން ގެންދާ ކަމަށެވެ. އެގޮތުން މިއަދު އިލެކްޝަންސް ކޮމިޝަނާ ބައްދަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ ރައީސް ޔާމީނަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކަމަށާ އެހެން ނަމަވެސް ރައީސް ޔާމީންގެ ކެންޑިޑެސީއަށް މިސަރުކާރުން ހުރަސްއަޅަމުން ގެންދާ ކަމަށެވެ. އެހެންވީމާ މިއީ ޕާޓީގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ ކެންޑިޑެސީއަށް އުނިކަމެއް އަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އަދި އެއްފަހަރު ވެސް ބުނެފައި ނުވާ ކަަމަށެވެ.
"އީސީގެ ރައީސް ތަކުރާރުކޮށް އެބަ ވިދާޅުވޭ ރައީސް ޔާމީންގެ ކެންޑިޑަސީއަށް އުނިކަމެއް އަންނާނެ ކަމެއް މިހާތަނަށް ނެތް ކަމަށް. ޔާމީންގެ ކެންޑިޑެސީއަށް ހުރަސް އަޅަން ސަރުކަރުން މަސައްކަތް ކުރޭ. ޔާމީންއަށް ސިޔާސީ މަސައްކަތް ނުކުރެވޭ ގޮތަށް ޖަލުގައި ބަހައްޓާ ބެހެއްޓުން،" ޝިޔާމް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ޔާމީންގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދާތީ އެކަމާ ކަންބޮޑުވުން ފަޅުކުރައްވައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދަޅުވީ އަވަސް އަރުވާލައިގެން ރައީސް ޔާމީންގެ ޝަރީއަތްތައް ކުރިއަށް ގެންދިއުމުން އެތައް ހައްގަގުން އެމަނިކުފާނު މަހުރޫމުވެގެންދާ ކަމަށެވެ.
ރައީސް ޔާމީންގެ މައްސަލަ ސުްޕްރީމްކޯޓުގައި އިސްތިއުނާފް ކުރުމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުން ނިންމަވާފައިވާ ކަމަށާއި ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުގެ މުއްދަތު މިމަހުގެ 26 އަށް އެބައޮތް ކަމަށް އަދުރޭ ވިދާޅުވި އެވެ. އެހެންވީމާ މި މުއްދަތު އޮއްވާ މާ ކުރިން ރައީސް ޔާމީންގެ ޝަރީއަތްތަކުގެ ތާވަލެއް ހެދުމަކީ އެއީ ކުރެވޭވެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އަދުރޭ ވިދާޅުވި އެވެ.