މިދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރަކަށް ވާތީ ކަރަންޓު އިގްތިސާދުކުރަން ސްޓެލްކޯއިން އެދިއްޖެ އެވެ.
މިދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިދިޔަ އަހަރާއި އަޅާ ބަލާއިރު ހޫނު ގަދަވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިއަދު ވަނީ ބުނެފަ އެވެ.
ސްޓެލްކޯއިން ބުނީ މިދިޔަ ފެބްރުއަރީ، މާޗު އަދި އެޕްރީލް މަހުގެ ލޯޑު ޓްރެންޑު ދައްކާގޮތުން، މާލޭގެ އެވްރެޖް ޕަވާ ޔޫސޭޖް (އެވްރެޖް އެނާޖީ ކޮންސަމްޕްޝަން) ދަނީ ދުވަހެއް ދުވަހަކަށް މަތިވަމުން ކަމަށެވެ.
އެވްރެޖްކޮށް ބަލާނަމަ ދުވާލާއި ރޭގަނޑުގެ ހުރިހާ ވަގުތެއްގަައި ވެސް އެހެން މަސްތަކާ އަޅާ ބަލާއިރު ކަރަންޓު ބޭނުންކުރާ މިންވަރު މިވަނީ އިތުރުވެފައި ކަމަށް ސްޓެލްކޯ އިން ބުނެ އެވެ. އެހެންވީމާ މިދުވަސްވަރު ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރާ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.
މާލެ ސަރަހައްދުގައި ރެކޯޑް މިންވަރަކަށް ކަރަންޓް ބޭނުންކުރާ ކަމަށް ސްޓެލްކޯއިން އިއްޔެ ބުނެފައިވެ އެވެ.
އެގޮތުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވީ މިމަހުގެ 11 ވަނަ ދުވަހު މާލެ ސަރަހައްދުގައި 92.5 މެގަވޮޓްގެ ކަަރަންޓް ބޭނުންކުރި ކަމަށެވެ. އަދި އެއީ މާލެ ސަރަހައްދުގައި މިހާތަނަށް އެންމެ ގިނައިން ކަރަންޓް ބޭނުންކުރި ދުވަސް ކަމަށް ޝަރީފް ވިދާޅުވި އެވެ.
މިދުވަސްވަރަކީ ރައްޖޭގެ އެކި ސަރަހައްދުތަކަށް ހޫނު ދުވަސް ކޮޅެކެވެ. މިއަހަރު މިވަީ މިދިޔަ އަހަރަށް ވުރެ ވެސް ހޫނުމިން މައްޗަށް ޖެހިލާފަ އެވެ. މިއަހަރު 44 ޑިގްރީ ސެލްސިއަސްގައި ހުރި ނަމަވެސް މިދިޔަ އަހަރު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އިހްސާސް ކުރެވުނު ހޫނުމިން ހުރީ 43 ޑިގްރީ ސެލްސިއަސްގަ އެވެ.
މެޓް އޮފީހުން ބުނީ މިއަދު މެންދުރުފަހު 2:00 ގައި ލ. ކައްދޫގައި އިހުސާސް ކުރެވޭ ހޫނުމިން ހުރީ 44.3 ޑިގްރީ ސެލްސިއަސްގަ އެވެ. އިއްޔެ އެ ގަޑީގައި ހޫނުމިން ހުރީ 41.5 ޑިގްރީ ސެލްސިއަސްގަ އެވެ. އަދި ސ. ގަމުގެ ފިނި ހޫނު މިން ހުރީ 41 ޑިގްރީ ސެލްސިއަސްގަ އެވެ. އިހްސާސް ކުރެވޭ ފިނި ހޫނުމިން އެންމެ މަތީ ލ. ކައްދޫގަ އެވެ. އެ ރަށުގައި ހުރީ 44.3 ޑިގްރީ ސެލްސިއަސްގަ އެވެ.