ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ވާދަކުރަން ނިންމާފައިވާ އެމްއެންޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލިހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމަށް ރަސްމީކޮށް ޕާޓީގެ ޓިކެޓް ހަވާލުކުރުން ލަސްކޮށްފައިވާކަމަށް އެޕާޓީން ބުނެފި އެވެ.

އެމްއެންޕީ ގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލާން ހުޅުވާލާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 1 ވަނަ ދުވަހު އެޕާޓީގެ ފުރަތަމަ ކައުންސިލް ބައްދަލުވުމުގަ އެވެ. އެ ފުރުސަތުގައި އެމްއެންޕީގެ ޕްރައިމަރީއަށް ކުރިމަތިލައްވާފައި ވަނީ ނާޒިމް އެކަންޏެވެ.

އެމްއެންޕީގެ އަސާސީ ގަވައިދު ބުނާ ގޮތުން އެންމެ ބޭފުޅަކު ކުރިމަތިލައްވައިފި ނަމަ އިންތިހާބެއް ބާއްވާކަށް ނުޖެހޭނެ އެވެ. އެހެންވެ ނާޒިމަށް މިހާރު ވަނީ ރިޔާސީ ޓިކެޓް ކަށަވަރުވެފަ އެވެ.

އެގޮތުން ނާޒިމަށް ޓިކެޓް ހަވާލުކުރުމުގެ ހާއްސަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ ފަސްވަނަ ދުވަހުގައި ކަމަށް އެ ޕާޓީން މީގެ ކުރިން ހާމަކޮށްފައިވެ އެވެ.

އެހެންނަމަވެސް، މޫސުން ތަން ނުދިނުމުގެ ސަބަބުން އެ ޖަލްސާ ފަސްކުރަން ނިންމާފައިވާކަމަށް އެޕާޓީން މިއަދު ބުނެފައިވެ އެވެ.

މިއަހަރު ބައްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައި ވަނީ އެމްޑީޕީއާއި ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީ އަދި ޕީޕީއެމް އެކަންޏެވެ. އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކެމްޕޭން ފަށާފައިވެ އެވެ.