މާލެސިޓީ ކައުންސިލުން އަޅަން ނިންމާފައިވާ ބުޅާ ފެސިލިޓީ އަޅާނީ ބުޅާ ނިއުޓާ ކުރުމަށްފަހު ފަރުވާދެވޭ ގޮތަށް ކަމަށް މާލެސިޓީ ކައުންސިލުން ބުނެފި އެވެ.

ސިޓީ ކައުންސިލުން ނިންމީ މާލެ ތެރޭގައި އުޅޭ 1،000 ބުޅާ ބެލެހެއްޓޭ ވަރުގެ ފެސިލިޓީއެއް ހަދާށެވެ.

މާލޭ ސިޓީ ކައުންސިލްގެ 100 ވަނަ ރަސްމީ އާއްމު ޖަލްސާގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ފަށައިގަންނައިރު، 1000 ބުޅަލަށް ކޭޓާކޮށް ކައުންސިލްގެ ބަޖެޓުން ހަރަދު ކުރުމަށް ނިންމާފައިވާއިރު، މިކަމަށް 1.9 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރަން ޖެހޭ ކަމަށެވެ.

އެ ބަޖެޓުން ވެޓް ޝެލްޓާ އެޅުމާއި ނިއުޓާ ކުރުމަށް ބޭނުންވާ ތަކެތި ގަތުމުގެ އިތުރުން ފެސިލިޓީގެ ގޮތުގައި ބޭނުންކުރާ ތަން ހެދުން ނުވަތަ އަޕްގްރޭޑް ކުރުން ހިމެނޭ ކަމަށާއި، ބޭނުންވާ ވަސީލަތްތައް ގަތުމަށް ބޭނުންވާ ފައިސާ އާއި އަދި ފެސިލިޓީ ގޮތުގައި ބޭނުންކުރާތަން މަރާމާތު ކުރުމަށްދާ ހަރަދު ހިމެނޭގޮތަށް މުއައްޒަފުންނާއި އެކު މިވަރުގެ ބަޖެޓެއް ހޭދަވާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.

"ފަށައިގަންނަ އިރު 1000 ބުޅަލަށް ކޭޓާކޮށް ކައުންސިލްގެ ބަޖެޓުން ޚަރަދު ކުރުމަށް ނިންމާފައި ވަނީ. މިކަމަށް 1.7 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރަން މިޖެހެނީ. އޭގެ ތެރޭގައި ނިއުޓާ ކުރުމަށް ބޭނުންވާ ވަސީލަތްތައް ގަތުމަށް ބޭނުންވާ ފައިސާ އާއި އަދި ފެސިލިޓީ ގޮތުގައި ބޭނުންކުރާތަން މަރާމާތު ކުރުމަށްދާ ޚަރަދު ހިމެނޭގޮތަށް ހަމަޖެހިފައިވަނީ. މުއައްޒަފުންނާއި އެކު 1.9 މިލިއަން އަށް އަރާނެ،" މޭޔަރު މުއިއްޒު ވިދާޅުވި އެވެ.

ނިއުޓާ ކުރުމުގެ ހިދުމަތުގެ ތަފްސީލް ދެއްވަމުން ގަލޮޅު މެދު ދާއިރާގެ ކައުންސިލަރު އަދި ކައުންސިލްގެ އެންވަރމެންޓް ކޮމިޓީގެ ޗެއާމަން ރީހާން ނާޒިމް ވިދާޅުވީ ބުޅާ ގެނައުމަށްފަހު ބުޅާ ނިއުޓާކޮށްފައި މަގުމައްޗަށް ދޫކޮށްލުމުގެ ބަދަލުގަ ބުޅާތަކަށް ފަރުވާދިނުމާއި،ކާންދީ ބެލެހެއްޓުމުގެ ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.

"ބުޅާ ނިއުޓާ ކުރުމަށްފަހު ބުޅާ ގެނެއްސަ ޓްރީޓްކޮށްފަ އާފްޓަރ ކެއާވެސް ދީފަ ކާންދީ ބެލެހެއްޓުމުގެ ހުރިހާ ކަމެއް ކުރާނެ، ހަމަ ގެނެސް އޮޕަރޭޝަން ކޮށްފައި ދޫކޮށްލަނީ އެއް ނޫން،" ރީހާން ވިދާޅުވި އެވެ.

މޭޔަރު އިތުރަށް ވިދާޅުވީ މިކަމަށް ޓެކްނިކަލް ޓީމް މަސައްކަތް ކުރާނެ ތަނަކާ އާފްޓަ ކެއާ ޝެލްޓާއާއެކު މަސްވެރިންގެ ޕާކުގަ މިތަން ހެދޭނެ ކަމަށް ފެންނާތީ ވަގުތީ ޝެލްޓާގެ ގޮތުގައި އެތަން ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި މަޝްރޫއު ކުރިއަށްދާނީ އޮންނަ އުސޫލުގެ ތެރެއިން އާންމުކޮށް އިއުލާނު ކުރެވިގެން ކަމަށް މޭޔަރު ވިދާޅުވި އެވެ. އެ ތަނުގައި ބުޅަލެއް ނިއުޓާކުރަން ސިޓީ ކައުންސިލުން ނަގަން ނިންމާފައި ވަނީ 1،500 ރުފިޔާ އެވެ.

އަގާއި ގުޅޭގޮތުން މާލެ ސިޓީގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހް ވިދާޅުވީ އެ އަގު ނަގަނީ ބުޅާ ނިއުޓާ ކުރުމަށް ފަހު ކުރަން ޖެހޭ ހަރަދުތަކަށް ކަމަށެވެ.

"ފިޝަރީޒް މިނިސްޓްރީން ކުރިން ވިލިމާލޭގައި ނިއުޓާ ކުރިއިރު ނަގަނީ ބުޅަލަކަށް 300ރ. އެ މީހުން ނިއުޓާ ކުރުމަށް ފަހު އާފްޓާ ކެއާއެއް ނުކުރާނެ. ކައުންސިލުން ނިއުޓާކުރާ ބުޅާ ނިއުޓާ ކުރުމަށް ފަހު ހަތަރު ފަސް ދުވަސް ވަންދެން ކުރަން ޖެހޭ ކަންކަން ކުރާނެ، ކާން ދިނުން، ބޭސް ދިނުން، އެ ހުރިހާ ކަމެއް ކުރާނީ ކައުންސިލުން، އެކަންކަން ކުރެވޭ ވަރެއްގެ އަގެއްގަ ހިފަންވާނީ،" ސައިފް ވިދާޅުވި އެވެ.

ކައުންސިލުން ނިންމާފައި ވަނީ ނިއުޓާކުރާ ކޮންމެ ބުޅަލެއް މައިކްރޯޗިޕް ކުރުމާއި ކޮންމެ ބުޅަލެއްގެ ކަރުގައި ކޮލާއެއް ނުވަތަ ކައުންސިލަށް ހާއްސަ ލޯގޯއެއް އަޅުވާ ގޮތަށެވެ. އަދި ނިއުޓާކުރާ ކޮންމެ ބުޅަލެއް ރަޖިސްޓްރީ ވެސް ކުރާނެ އެވެ.

ވަގުތީ ކްލިނިކްގައި ނިއުޓާ ކުރުމުގެ އިތުރުން އެކްސްރޭ ނެގުމާއި ބްލަޑް ޓެސްޓް ކުރުން ފަދަ ކަންކަން ވެސް ކުރިއަށް ދާނެ ކަމަށާއި މަގުމަތީ އުޅޭ ބުޅަލުގެ އިތުރުން ޕެޓްގެ ގޮތުން އާންމުން ގެންގުޅޭ ބުޅަލަށް ވެސް އެތަނުން ޚިދުމަތް ދޭން ނިންމާފައިވާ ކަމަށް ކައުންސިލުން ހާމަކުރެ އެވެ.

ބުޅާ ފެސިލިޓީގައި މަސައްކަތް ކުރުމަށް ނަގަނީ ފަރުވާދޭ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން، ސިޓީ ކައުންސިލްގެ ދެ މުވައްޒަފުންނާއި އިއުލާން ކޮށްގެން ނަގާ ހަތަރު މުވައްޒަފުންނެވެ.

ކައުންސިލުން މީގެކުރިން ނިންމާފައި ވަނީ އަމިއްލަ ޚަރަދުގައި ވިލިމާލޭގައި ބުޅާ ފެސިލިޓީއެއް ހަދައިދޭނެ ބަޔަކު ހޯދުމަށެވެ. ތިން ފަހަރެއްގެ މަތިން އިއުލާނުކޮށްގެން ވެސް އޭރު ނުލިބުނު ނަމަވެސް މިހާރު އެކަމަށް ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް މޭޔަރ ވިދާޅުވި އެވެ.

މޭޔަރ ވިދާޅުވީ ދާއިމީ އިމާރާތް އަޅަން އެންމެ ރަނގަޅު ތަނަކީ ހުޅުމާލެ ދަވަނަ ފިޔަވަހީގެ ކޮންމެވެސް ސަރަޙައްދެއް ކަމަށެވެ.

މާލޭ މަގުމަތީގައި އުޅޭ ބުޅާތައް ނުވިހާ ގޮތަށް ހަދައި ބުޅާތައް ބަލަހައްޓަން މަސްވެރިންގެ ޕާކުގައި ވަގުތީ ފެސިލިޓީއެއް ހަތަރު މަސް ތެރޭ ހަދަން ނިންމައި އެކަމަށް 1.9 މިލިއަން ރުފިޔާގެ ބަޖެޓެއް ސިޓީ ކައުންސިލުން މިއަދު ފާސްކުރީ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ.