މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 700،000 އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ކޮވިޑްގެ ކުރިން 2019 ވަނަ އަހަރާ އަޅާބަލާއިރު %6.4 ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. އަދި މިއީ 2022 ވަނަ އަހަރުގެ މިމުއްދަތުގައި ޒިޔާރަތްކޮށްފައިވާ 640،730 ފަތުރުވެރިންނާއި އަޅާބަލާއިރު %17.5 ގެ ކުރިއެރުމެކެވެ.
އިއްޔެގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 710،645 ޓޫރިސްޓުން ވަނީ ރާއްޖެ ޒިޔާރަތްކޮށްފަ އެވެ. 2019 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 667729 ޓޫރިސްޓުންނެވެ.
މިއަހަރުގެ މެއި މަހަށް އެކަނި ބަލާއިރު، މެއި މަހުގެ ފުރަތަމަ 5 ދުވަހު ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 2022 ވަނަ އަހަރުގެ މެއި މަހުގެ މި މުއްދަތާއި އަޅާބަލާ %19.9 ދަށްވެފައި ވީނަމަވެސް، 2019 ވަނައަހަރުގެ މިމުއްދަތާއި އަޅާބަލާއިރު %3.3 ގެ ކުރިއެރުމެއް އައިސްފައިވެ އެވެ.
މީގެ އިތުރުން، ރާއްޖެއަށް ޒިޔާރަތްކުރާ ވަކި މާކެޓްތަކަށް ބަލާއިރު، ޗައިނާ މާކެޓް ވަރަށް ބޮޑަށް ރަނގަޅުވަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. މިގޮތުން މިއަހަރުގެ މިހާތަނަށް ޗައިނާ ވަނީ %4.7 ހިއްސާއާއެކު ރާއްޖެއަށް ޒިޔާރަތްކުރާ 6 ވަނައަށް އެންމެ ބޮޑު މާކެޓް ކަމަށް ހިމެނިފަ އެވެ.
ރާއްޖެއިން މިއަހަރު އަމާޒުހިފާފައި ވަނީ 1.8 މިލިއަން ޓޫރިސްޓުން ގެނައުމަށެވެ. މިދިޔަ އަހަރު ރާއްޖެއަށް އައިސްފައި ވަނީ 1.6 މިލިއަން ޓޫރިސްޓުންނެވެ.