އެސްޓީއޯގެ ގުދަނެއްގައި ބަހައްޓާފައި ހުރި ފުށް ބަސްތާތަކެއް ވެއްޓި، ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ފުށް ބަސްތާތަކެއް ވެއްޓިގެން އަނިޔާވީ އެ ކުންފުނީގައި މަސައްކަތްކުރާ ބިދޭސީ ދެ މުވައްޒަފަކަށެވެ. އަދި މި ހާދިސާއާ ގުޅިގެން އަނިޔާވި ދެ މީހުންނަށް ވެސް އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން ގެންދާ ކަމަށްވެ އެވެ.

މި ހާދިސާއާ ގުޅިގެން އެ ކުންފުނީގެ އޮފިޝަލަކު ބުނީ އަނިޔާވި ދެ މީހުން އައިޖީއެމްއެޗަށް ގެންގޮސް، ހަދަން ޖެހޭ ސްކޭންތަކާއި ޓެސްޓުތައް ހަދަމުން ގެންދާ ކަމަށެވެ. އެ ދެ މީހުންނަށް ބޭރުފުށުން އެއްވެސް އަނިޔާއެއް ވެފައިވާތަން ފެންނަން ނެތް ކަމަށް އޭނާ ބުނެފައިވެ އެވެ.

ނަމަވެސް އޮފިޝަލް ފާހަގަކުރި ގޮތުގައި މިއީ ނުރައްކާތެރި ހާދިސާއެކެވެ. އަދި މިކަން ކުންފުނީގެ ތެރެއިން ތަހުގީގުކުރަމުން ގެންދާނެ ކަމަށާއި، މިފަދަ ހާދިސާތައް ދިމާނުވާނެހެން ރައްކާތެރި ފިޔަވަޅުތައް އަޅަމުންގެންދާ ކަމަށް އޮފިޝަލް ބުންޏެވެ.

އޮފިޝަލް އިތުރަށް ފާހަގަކުރި ގޮތުގައި މިކަމަށް އޮތް ހައްލަކީ ގުދަން ކުރެވޭ ބަސްތާތައް ޕެލެޓް މަތީގައި ބެހެއްޓުމެވެ.