(ގާޒާ) 11 މެއި) - އިޒްރޭލުން ގާޒާ އަށް ބޮން އަޅައި، 19 މީހުން ޝަހީދުކޮށްލި ހަމަލާގެ ބަދަލުހިފުމުގެ ގޮތުން ފަލަސްތީނުގެ މުޖާހިދުން އިޒުރޭލަށް ރޮކެޓްތަކެއް ފޮނުވައިލައިފި އެވެ.

އަންގާރަ ދުވަހުގެ މި ރޮކެޓް ހަމަލާތަކާ ވިދިގެން ދެކުނު އިޒުރޭލުގައި އިންޒާރުގެ ބަރުގޮނުގެ އަޑު ގުގުމައިލި އެވެ. އިޒްރޭލުގެ ޓީވީ އިން ވަނީ އެ ގައުމުގެ އެއާ ޑިފެންސް ސިސްޓަމް ރޮކެޓްތަކާ އިދިކޮޅަށް ހަރަކާތްތެރިވާ މަންޒަރު ވަގުތުން ދައްކައިފަ އެވެ. މި ކުރިމަތިލުން ވަނީ އިޒްރޭލުގެ ތަލްއަވީވާ ހަމަޔަށް ވެސް ގޮސްފަ އެވެ.

ދެފަރާތުގެ މެދުގައި ކުރިމަތިލުން އިތުރުވެފައިވާ ދަނޑިވަޅެއްގައި މައްސަލަ އިތުރަށް ގޯސްވެދާނެ ފަދަ ގޮތަކަށް ޔަހޫދީން، އީސްޓް ޖެރޫސަލަމުގައި ބައިތުލް މަގުދިސާ ދިމާލަށް ދާން ހަމަޖެހިފައިވާ ހިނގާލުން ކުރިޔަށް ގެންދަން ސަރުކާރުން ވަނީ ހުއްދަ ދީފަ އެވެ. މި ހިނގާލުމަކީ އިޒުރޭލުން އިރުމަތީ ގުދުސް ހިފި ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ހިނގާލުމެކެވެ. މި ހިނގާލުމުގައި ގުދުސުގެ މުސްކުޅި ސިޓީގެ މައި ސަރަހައްދުން ގޮސް ބައިތުލް މަގުދިސްގެ މުސްލިމުން ނަމާދުކުރާ ހިސާބަށް ދާނެ އެވެ. އެކަމުގެ ސަބަބުން ފަލަސަތީނުގެ މުސްލިމުންނާއި ހިނގާލުމުގެ ބައވެރިންގެ މެދުގައި އަބަދުވެސް ކުރިމަތިލުން ހިނގަ އެވެ.

އިޒުރޭލުގެ ސިފައިން ބުނި ގޮތުގައި ފަލަސްތީނުގެ މުޖާހިދުން ވަނީ 100 އަށް ވުރެ ގިނަ ރޮކެޓް އިޒްރޭލަށް ފޮނުވައިފަ އެވެ. ރޮކެޓްގެ ހަމަލާއިން ސަލާމަތްވުމަށް ދުވި މީހުންގެ ތެރެއިން ދެ މީހަކަށް އަނިޔާވިކަމަށް އޮފިޝަލުން ބުނިއިރު، އާންމުންގެ މީހަކު ބުނި ގޮތުގައި އެ ހިސާބުގައި ހުރި ހުސް ގެއެއް ރޮކެޓް ހަމަލައެއްގައި ފުނޑުވި އެވެ.

ފަލަސްތީނުން އިޒުރޭލަށް ރޮކެޓް ހަމަލަ ދިންއިރު އިޒުރޭލުން މެދު ނުކެނޑި ގާޒާއަށް ބޮން އަޅާތާ ދެ ދުވަސް ވެއްޖެ އެވެ. އިޒްރޭލުން ބުނާ ގޮތުގައި ބޮން އެޅުމުގެ ބޭނުމަކީ ގާޒާއިން ދެމުން ގެންދާ ރޮކެޓް ހަމަލަތައް ހުއްޓުވުމެވެ.

އަންގާރަ ދުވަހުގެ ހަމަލާގައި ގިނަ އަދަދެއްގެ އާންމުން މަރުވުމުން އިޒުރޭލަށް ވަނީ ބައިނަލްއަގުވާމީ ފާޑުކިޔުން އަމާޒުވެފަ އެވެ.