ދިވެހި ރުފިޔާގެ އަގު ހިފަހައްޓައި، ބާޒާރުގައި ޑޮލަރުގެ އަގު ތިރިވަންދެން ސަރުކާރުން ކުރަމުންދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ވަގުތުން މަޑުޖައްސާލުމަށް ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފި އެވެ.
ރައީސް ނަޝީދު މިކަމަށް ގޮވާލެއްވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، އިގްތިސާދީ މި ދަނޑިވަޅުގައި ސަރުކާރުން ހަރަދުކުރަންވާނީ ހަމައެކަނި ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކަށް އެކަންޏެވެ. ޑޮލަރުގެ އަގު ކޮންޓްރޯލް ކުރެވެންދެން، އަސާސީ ހިދުމަތްތަކަށް ކުރާ ހަރަދު ފިޔަވައި އެހެން ހުރިހާ އިމާރާތްކުރުމުގެ މަސައްކަތްތަކެއް ހުއްޓާލުމަކީ މިވަގުތަށް އެންމެ ރަނގަޅު ގޮތް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، ރަށްރަށުގައި މިހާރު ފެށިފައި ހުރި ނަމަވެސް ނުނިމި ހުރި މަޝްރޫއުތަކާ ގުޅޭގޮތުން ނަޝީދު ލަފާދެއްވީ، އެ މަސައްކަތްތަކުން ސަރުކާރުން އަތްދޫކޮށްލުމަށްފަހު ރަށު ކައުންސިލްތަކާ އެކަންކަން ހަވާލުކުރުމަށެވެ. އަދި ކައުންސިލްތަކުން ކްރޮސް ސަބްސިޑީގެ އުސޫލުން އިންތިޒާމްތައް ހަމަޖައްސައިގެން އެ މަސައްކަތްތައް ނިންމިދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގު ނިމިދިޔަ ހަފުތާގައި ވަނީ ރިކޯޑު މިންވަރަކަށް އުފުލިފަ އެވެ. އެގޮތުން ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު މިހާރު ހުރީ 21.25 ރުފިޔާގަ އެވެ. މިގޮތަށް އަގު އުފުލެން މެދުވެރިވި ސަބަބުތަކުގެ ތެރޭގައި، މިއަހަރު ދަރަނި ދެއްކުމަށް ގިނަ އަދަދެއްގެ ބޭރު ފައިސާ ބޭނުންވުމާއި، އާ އިންވެސްޓްމެންޓްތައް މަދުވުމުގެ އިތުރުން ސަރުކާރަށް ބޭރުގެ ލޯނު ހޯދުމުގައި ހުރި ދަތިތައް ހިމެނެއެވެ.
މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ހާމަކޮށްފައިވާ ގޮތުގައި، ދައުލަތުގެ ބޭރު ފައިސާގެ ރިޒާވާއި ޔޫޒަބަލް ރިޒާވް ވަނީ ބޮޑުތަނުން ދަށަށް ގޮސްފަ އެވެ. މީގެ މައިގަނޑު ސަބަބަކީ ބޭންކިން ނިޒާމާއި މުދާ އިމްޕޯޓްކުރާ ފަރާތްތަކުން ޑޮލަރަށް އޮތް ޑިމާންޑް ބޮޑުވުމެވެ. ރުފިޔާގެ އަގު ހިފެހެއްޓުމަށްޓަކައި އެމްއެމްއޭއިން ބާޒާރަށް ވިއްކި ޑޮލަރުގެ މިންވަރު، ކުރީ މަހާ އަޅާބަލާއިރު 43 އިންސައްތަ އިތުރުވެފައިވާ ކަމަށްވެސް އެ ބޭންކުން ވަނީ ބުނެފަ އެވެ.
އީރާނުން އެމެރިކާގެ ހަނގުރާމަމަތީ ބޯޓުތަކަކަށް ހަމަލާދީފި
ބީޓީއެސްގެ އާ މިއުޒިކް ވީޑިއޯއިން ބޭންޑްގެ އާއްމު ދިރިއުޅުން!
ހީނާފަތް އެޅުމަކީ ނަލަ ކަމެއް!