ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު އެކްސްޕްރެސް މެއިލް ސާވިސް (އީއެމްއެސް) ގެ ޚިދުމަތް ދޭ ޕޯސްޓަލް އޮޕަރޭޓާ ތަކަށް ޔުނިވާސަލް ޕޯސްޓަލް ޔޫނިއަން (ޔޫޕީޔޫ) އިން ދެމުން އަންނަ ގޯލްޑް އެވޯޑް މޯލްޑިވްސް ޕޯސްޓަށް ލިބިއްޖެ އެވެ.

މި އެވޯޑް މޯލްޑިވްސް ޕޯސްޓަށް ހަވާލުކޮށްފައި ވަނީ ސްވިޓްޒަލޭންޑްގެ ވެރިރަށް ބާންގައި ބޭއްވި އީއެމްއެސް ކޯޕަރޭޓިވް ޖެނެރަލް އެސެމްބްލީގަ އެވެ. މޯލްޑިވްސް ޕޯސްޓްގެ ފަރާތުން މި އެވޯޑާ ހަވާލުވެފައިވަނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދެވެ.

އެންމެ ފެންވަރު ރަގަޅު އީއެމްއެސް ހިދުމަތްދޭ ފަރާތަށް ދެވޭ މިއެވޯޑަކީ އީއެމްއެސް ހިދުމަތްދޭ 174 ގައުމުގައި ޚިދުމަތްދޭ ފެންވަރަށް ބަލާ ރޭންކް ކުރެވިގެން ދެވޭ އެވޯޑެކެވެ.

2022 ވަނަ އަހަރު އީއެމްއެސްގެ ޚިދުމަތްދޭ ފަރާތްތަކުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރުގެ މައްޗަށް ބިނާކޮށް މޯލްޑިވްސް ޕޯސްޓަށް "ގޯލްޑް އެވޯޑް" ލިބިފައިވާއިރު، 2019 އަދި 2021 ވަނަ އަހަރު އެކުންފުނިން ވަނީ "ބްރޯންޒް އެވޯޑް" ވެސް ހޯދާފަ އެވެ. ރާއްޖޭގެ އިތުރުން ގޯލްޑް އެވޯޑް ލިބިފައިވާ ގައުމުތަކުގެ ތެރޭގައި އަޒަރުބައިޖާން، މިޔަންމާ، އޯމަން އަދި ޔުނައިޓަޑް އަރަބް އެމިރޭޓްސް ހިމެނެ އެވެ. އަދި ގަތަރަށް ސިލްވާ އެވޯޑް ލިބިފައިވާއިރު ބުރޯންޒް އެވޯޑަށް އެއްވެސް ގައުމެއް ހޮވިފައެއް ނުވެ އެވެ.

މި ކޯޕަރޭޓިވް ޖެނެރަލް އެސެމްބްލީގައި އީއެމްއެސް ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މެންބަރު ގައުމުތަކުން ދިނުމަށް ބޭނުންވާ ސްޓުރެޖިކް ނިންމުންތައް ހުށައަޅާ ފާސްކުރެވިފައިވެ އެވެ. މީގެ އިތުރުން، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ޕޯސްޓު މެދުވެރިކޮށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރުމަށް މިއަހަރުގެ ޖޫން މަހު ޖަޕާންގައި ވޯލްޑް ކަސްޓަމްސް އޯގަނައިޒޭޝަން- ޔުނިވާސަލް ޕޯސްޓަލް ޔޫނިއަން ގުލޯބަލް ކޮންފަރެންސް އަދި ސެޕްޓެމްބަރު މަހު އިންޑޮނޭޝިއާގައި ރީޖަނަލް އީއެމްއެސް ސިމްޕޯސިއަމެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ދުނިޔޭގެ ފެންވަރުގައި ބޭއްވޭ މިފަދަ ބައްދަލުވުންތަކުގައި މޯލްޑިވްސް ޕޯސްޓްއިން ބައިވެރިވެ ޕޯސްޓްގެ ޚިދުމަތްތައް ދިނުމުގައި ގެންނަންޖެހޭ ބަދަލުތައް ގެންނަމުން ދާކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ.

އާދަމް އިތުރަށް ވިދާޅުވީ މޯލްޑިވްސް ޕޯސްޓްގެ އަމާޒަކީ ފެންވަރު ރަނގަޅު ހިމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށާއި މިއަހަރު ވެސް އީއެމްއެސް ޕާފޯމަންސް އަދި ކަސްޓަމާ ކެއާ އޮވޯޑް ހާސިލްކުރުމަށް އެކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އީއެމްއެސް ވިއުގަ މެދުވެރިކޮށް ކޮންމެ ހަފުތާއަކު ވެސް އަށް މިލިއަންއަށް ވުރެ ގިނަ އައިޓަމްތައް އެއްގައުމުން އަނެއް ގައުމަށް ފޮނުވަމުންދާއިރު، މުހިއްމު ލިޔެކިއުންތަކާއި ބޭހާއި، ސްޕެއާޕާޓް އަދި އާންމު ދިރުއުޅުމުގައި ބޭނުންކުރާ ތަކެތި އީއެމްއެސް މެދުވެރިކޮށް ރާއްޖެއަށް ވެސް އަންނަނީ އެތެރެ ކުރަމުންނެވެ.

މޯލްޑިވްސް ޕޯސްޓުން ދެމުން އަންނަ އީއެމްއެސް ހިދުމަތަކީ ރާއްޖެއިން ބޭރަށް ފޮނުވާ ތަކެތި ފޮނުވުމަށް އެންމެ އިތުބާރު ކުރެވޭ އަދި އެންމެ އަވަސް ހިދުމަތެވެ. މި ހިދުމަތަކީ ޚަރަދު ކުޑަ ޚިދުމަތަކަށްވާއިރު އެންމެ ގިނައިން ޕޯސްޓް ކުރެވޭ މަންޒިލުތަކުގެ ތެރޭގައި ސިންގަޕޫރ، ޔޫއޭއީ، މެލޭޝިއާ، އޮސްޓްރޭލިއާ އަދި ސްރީލަންކާ ހިމެނެ އެވެ.