ނޭޕާލްގެ ރައްޔިތެއް ކަމަށްވާ ކަމީ ރިތާ ޝޭރްޕާ 27 ވަނަ ފަހަރަށް ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ މައުންޓް އެވަރެސްޓްގެ އެންމެ އުހަށް އަރައިފި އެވެ.

ބުދަ ދުވަހު މި ކާމިޔާބީ ހާސިލް ކުރުމާއެކު ޝޭރްޕާ ވެފައިވަނީ ދުނިޔޭގެ އެންމެ އުސް ފަރުބަދައިގެ ކޮޅަށް އެންމެ ގިނަ ފަހަރު އެރި މީހާގެ ގޮތުގައި ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދާފަ އެވެ.

ހަބަރުތައް ބުނާ ގޮތުގައި މިފަހަރު އޭނާ އެވަރެސްޓްގެ ކޮޅަށް އަރާފައިވަނީ ވިއެޓްނާމަށް ނިސްބަތްވާ މައުންޓަނިއަކަށް މަގު ދައްކައިދޭ އެދުރެއްގެ ގޮތުގަ އެވެ.

ނޭޕާލްގެ ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި މއަހަރުގެ މިހާތަނަށް އެހެން ގައުމުތަކަށް ނިސްބަތްވާ 478 މީހަކު މައުންޓް އެވަރެސްޓްގެ އެންމެ ކޮޅަށް އަރާފައިވެ އެވެ.

ދުނިޔޭގެ އެންމެ އުސް ފަރުބަދައަށް އެރުމަށްޓަކައި އެހެން ގައުމުތަކުގެ މީހުންނަށް ނޭޕާލުން ގިނަ ޕެކޭޖުތަކެއް ހަދާފައިވާއިރު އެއިން ކޮންމެ ޕެކޭޖެއްގެ އަގު ވެސް އުޅެނީ 45000 ޑޮލަރުން މަތީގަ އެވެ.

ނޭޕާލަކީ ދުނިޔޭގެ އެންމެ އުސް 10 ފަރުބަދައިގެ ތެރެއިން 8 ފަރުބަދަ ނޭޕާލްގައި ހުންނައިރު އެންމެ އުސް މައުންޓް އެވަރެސްޓްގެ އުސް މިނުގައި 8849 މީޓަރު ހުރެ އެވެ.