ސިއްހަތަށް ފައިދާހުރި ކާބޯތަކެތިގެ އުފެއްދުންތައް މާކެޓްކުރާ ކުންފުންޏަކަށް ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީ އިންވެސްޓްކޮށްފި އެވެ.

ޝިލްޕާ މިފަހަރު އިންވެސްޓް ކޮށްފައިވަނީ އިންޑިއާގެ މަޝްހޫރު ވިޔަފާރީގެ ރިއަލިޓީ ޝޯ "ޝާކް ޓޭންކް އިންޑިއާ 2 " އިން ފެނިގެންދިޔަ ސިއްހަތަށް ފައިދާ ހުރި ކާނާ އުފައްދާ ކުންފުންޏެއް ކަމަށްވާ "ވިކްޑް ގުޑް" އަށެވެ. މި ކުންފުންޏަށް ޝިލްޕާ އިންވެސްޓްކުރީ 2.25 ކްރޯޑް ރުޕީސް އެވެ.

"ވިޑްކް ގުޑް" ގެ ބާނީ އަކީ އަދި ސީއީއޯ އަކީ ބޫމަން ދާނީ އެވެ. މީގެ ހިއްސާދާރުންގެ ތެރޭގައި މޯނިޝް ދެބްނާތު އާއި ސޯމަލިއާ ބިސްވާސް ހިމެނެ އެވެ.

އުމުރުން 47 އަހަރުގެ ބަތަލާ ޝިލްޕާ ބުނީ "ވިކްޑް ހުޑް" އަށް އިންވެސްޓްކުރުމަށް ނިންމީ އެކުންފުންޏަކީ ދުޅަހެޔޮ ސިއްހަތަށް ހިތްވަރުދޭ ކުންފުންޏަކަށް ވާތީ ކަމަށެވެ. އަދި ސިއްހަތަށް ފައިދާހުރި އުފެއްދުންތަކެއް ބާޒާރަށް ނެރެމުން އަންނަ ކުންފުންޏަކަށް ވަތީ ކަމަށް ޝިލްޕާ ބުންޏެވެ.

"ވިކްޑް ގުޑް" އަށް ޝިލްޕާ އިންވެސްޓްކުރުމުން އެ ކުންފުނިން އެކަމަށް މަރުހަބާ ކިޔާފަ އެވެ. ޝިލްޕާ ކަހަލަ ގިނަ ބަޔަކު ނަމޫނާއަކަށް ބަލާ މީހަކު ކުންފުންޏާ ގުޅުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމަށް ކަމަށް އެކުންފުނިން ބުންޏެވެ.

90 އަހަރު ތެރޭގައި އެންމެ ކާމިޔާބު ބަތަލާއިން ތެރޭގައި ހިމެނޜ ޝިލްޕާ އަކީ ދުޅަހެޔޮ ސިއްހަތަކަށް ލޯބިކުރާ އެކަން ޕްރޮމޯޓް ކުރާވެސް ފަންނާނެކެވެ.

މީގެކުރިންވެސް ބައެއް ކުންފުނިތަކަށް ޝިލްޕާ ވަނީ އިންވެސްޓްކޮށްފަ އެވެ.

ޝިލްޕާ އެންމެ ފަހުން ފެނުނީ މިއަހަރު ރިލީޒްކުރި "ނިކައްމާ" ގަ އެވެ. ސަޕޯޓަރުންނަށް ފިލްމުގައި އޭނާގެ ފެނިލުން ވަރަށް ކަމުދިޔަ އެވެ. ރޯހިތުގެ ވެބް ސީރީޒް، އިންޑިއަން ޕޮލިސް ފޯސްއަކީ ވަރަށް އަވަހަށް އެމަޒޮން ޕްރައިމް ވީޑިއޯއަށް ރިލީޒްކުރާނެ ފިލްމެކެވެ.