ދަރިފުޅު އާރްޔަން ޚާން ދޫކޮށްލުމަށް އެދި ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯގެ އޮފިސަރަކަށް ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ޚާން ކޮށްފައިވާ މެސެޖުތަކެއް ލީކުވެއްޖެ އެވެ.
އޮފިސަރު ސަމީރު ވަންކަޑޭއަށް ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވި އެ މައްސަލަ ސީބީއައިއން ބަލަމުން ދާއިރު ލީކުވި މި މެސެޖުތަކަކީ އޭނާއަށް ކުރިމަތިވި އިތުރު ގޮންޖެހުމެކެވެ.
ވަޓްސްއަޕް މެދުވެރިކޮށް ކޮށްފައިވާ އެ މެސެޖުތަކުގައި އާރްޔަންއަށް ހަރުކަށި ނުވުމަށާއި ވީހާވެސް އަވަހަކަށް އޭނާ ދޫކޮށްލުމަށް ޝާހު އެދިފައިވެ އެވެ.
އެއާއެކު ކުރިއަށް އޮތްތަނުގައި އެފަދަ ކަމެއް ނުހިނގާނެ ކަމަށާއި ދަރިފުޅަށް ހެޔޮމަގު ވިސްނައިދޭނެ ކަމަށް ވެސް އެ މެސެޖުތަކުގައި ޝާހު ބުނެފައިވެ އެވެ.
ޖަވާބުގައި ސަމީރު ބުނެފައިވަނީ އާރްޔަން ޖަލުގައި ހުންނަން ޖެހޭތީ ދެރަވާ ކަމަށާއި އެހެން ނަމަވެސް އޭނާއަށް ވެސް އެހީވެވޭނީ ވަކި މިންވަރަކަށް ކަމަށެވެ.
ޑްރަގުގެ މައްސަލައެއްގައި ޝާހުގެ ދަރިފުޅު އާރްޔަން ޚާން ވަނީ މުމްބާއީގެ ޖަލެއްގައި މަހެއްހާ ދުވަސް ހޭދަކޮށްފަ އެވެ. އޭނާ ދޫކޮށްލާފައިވަނީ ކަފާލާތުގެ ދަށުންނެވެ.
ޝާހުގެ މި މެސެޖުތައް ލީކު ވުމާއެކު ގިނަ ބަޔަކު އަންނަނީ އެއީ ދަރިއަކަށްޓަކައި ކޮންމެ ބައްޕައަކު ކުރާނެ ކަމެއް ކަމަށް ބުނަމުންނެވެ.