ކޮލަމްބޯ (8 ޖެނުއަރީ) - ސްރީލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުން އެންދުމާ ދެކޮޅަށް އެގައުމުގައި މުސްލިމުންނާއި، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކާއި ދުނިޔޭގެ ގައުމުތަކުން އަޑުއުފުލަމުން ދަނިކޮށް އެ ނިންމުން ބަދަލު ނުކުރުމަށް ސްރީލަންކާ ސަރުކާރުން ނިންމައިފި އެވެ.
ސްރީލަންކާ ސަރުކާރުން ވަނީ ކޮވިޑްޖެހިގެން އެ ގައުމުގައި މަރުވާ އެންމެން އެންދުމަށް މިދިޔަ އަހަރު ޑިސެމްބަރު މަހު ނިންމާފަ އެވެ. މިކަމާ ގުޅިގެން ސްރީލަންކާގެ މުސްލިމް އާއިލާތަކުން ވަނީ އެ ނިންމުމާ ދެކޮޅަށް އެ ގައުމުގެ ސްޕްރީމް ކޯޓަށް ޕެޓިޝަން ވެސް ހުށަހަޅާފަ އެވެ. އަދި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވެސް ވަނީ އާއިލާ މީހުންގެ ނުރުހުމުގައި ހަށިތައް އެންދުމަކީ އިންޓަނޭޝަނަލް ގައިޑްލައިންތަކާ ހިލާފުކަމެއް ކަމަށް ބުނެފަ އެވެ.
ސްރީލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މީހުން ވަޅުލުން މަނާކުރީ އެ ގައުމުގެ ބުޑިސްޓުންގެ ނުފޫޒުން ކަމަށްވެ އެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި މަރުވާ މީހުން ވަޅުލުމުން ބިމުގެ ފަށަލަ ތައްޔަރުވެ އަދި ބަލި ފެތުރޭނެ އެވެ. ނަމަވެސް ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ކޮވިޑް ވައިރަސްގައި މަރުވާ މީހުން ވަޅުލިޔަސް އެކަމުން އެއްވެސް ގެއްލުމެއް ނެތް ކަމަށް ބުނެފަ އެވެ. އަދި އެ މީހުން ވަޅުލިޔަސް އަދި އެންދިޔަސް އެކަމުގައި މައްސަލައެއް ނެތް ކަމަށް ވެސް އެ ޖަމިއްޔާއިން އަންގާފައިވާ ކަމަށްވެ އެވެ.
ލަންކާގެ ހެލްތް މިނިސްޓަރާ ހަވާލާދީ އެ މިނިސްޓްރީގެ އޮފިޝަލުން ވިދާޅުވީ މަރުވާ މީހުން އެންދުމަށް ނިންމި ނިންމުން އެއްވެސް ކަމަކާ ގުޅިގެން ބަދަލު ނުކުރެވޭނެ ކަމަށެވެ. މިގޮތަށް ނިންމާފައި ވަނީ އެގަމުގެ ކަމާ ބެހޭ އެކްސްޕާޓުން ހިމެނޭ ކޮމިޓީން މި ހަފްތާގައި މަރުވާ މީހުން ހަރުކަށި އުސޫލުތަކާއެކު ވަޅުލުމަކުން މައްސަލައެއް ނުޖެހޭނެ ކަމަށް ނިންމާފައިވަނި ކޮށެވެ.
މިދިޔަ ޑިސެމްބަރު މަހުގައި ސްރީލަންކާގެ މުސްލިމުންގެ ދެކޮޅު ހެދުންތަކާއެކު ވެސް އެގައުމުން ވަނީ ކޮވިޑް ޖެހިގެން މަރުވި 19 މުސްލިމުންގެ ހަށިގަނޑު އަންދާލާފަ އެވެ. މީގެ ތެރޭގައި ކުޑަކުއްޖެއް ވެސް ހިމެނެ އެވެ.
މިދިޔަ އަހަރު ސްރީލަންކާގައި ހިންގި ބޮންގުވުމުގެ ހަމަލާތަކުގައި 250 މީހުން ޗާޗްތަކާއި އަދި ހޮޓެލް ތަކުގެ މަަރުވި ހާދިސާއަށްފަހު މުސްލިމުންނާއި ދެކޮޅު ހަރަކާތްތަކެއް ވަނީ ސްރީލަންކާގައި ފެށިފަ އެވެ، ސްރީލަންކާގެ 20 މިލިއަން އާބާދީގެ 10 ޕަސެންޓް ހިއްސާކުރަނީ މުސްލިމުންނެވެ --ޗެނެލް ނިއުސް އޭޝިއާ