އުމުރުން 20 އަހަރުގައި ތުރުކީގެ ކުޑަ އަވަށަކަށް ނިސްބަތްވާ މުތުލޫ އެގައުމުގެ ރިއަލިޓީ ލަވަ ކިޔުމުގެ މުބާރާތެއްގައި ބައިވެރިވީ ވަރަށް ފޮނި ހުވަފެން ތަކަކާއެކު އެވެ. އެ ދާއިރާއިން ކުރިއަަށް ދިއުމުގެ އަޒުމުގަ އެވެ.

އެހެން ނަމަވެސް އޭނާގެ އެ ފޮނި ހުވަފެންތައް ވެއްޔާ މޮޑެވިގެން ދިޔައީ ހަމަ ކުޑަ ސިކުންތުކޮޅެއްގެ ތެރޭގަ އެވެ. މީހެއްގެ އަނިޔާވެރިކަމުގެ ސަބަބުން ބަނަވަގެން ދިޔައީ މުތުލޫގެ ކުރިމަގެވެ.

އުމުރުން 20ގެ އަހަރުތަކުގައި އުޅުނު އެކްރޮންއާ މުތުލޫ އެންމެ ފުރަތަމަ ބައްދަލުވީ އޭނާގެ އުމުރުން 14 އަހަރުގަ އެވެ. އެންމެ ފުރަަތަމަ ރަނގަޅު މީހެއްގެ ގޮތުގައި ފެނުނު ނަމަވެސް އާ މެދު އޭނާ ދެކޭ ގޮތް ބަދަލުވާން މާ ގިނަ ދުވަހެއް ނުވި އެވެ.

އެކްރޮން ވީ އޭނާ ހީކުރި ކަހަލަ މީހަކަށް ނޫނެވެ. އެކްރޮން ކައިވެންޏަށް އެދި ހުށައެޅި ހުށައެޅުމަށް އިންކާރު ކުރުމުން އެކްރޮންގެ މިޒާޖު ބަދަލުވެ އޭނާގެ ފަހަތުން އާވާރާ އާޝިގެއްގެ ގޮތުގައި އުޅެން ފެށި އެވެ.

އޭގެ ފަހުން މުތުލޫ ލަވަ މުބާރާތުގައި ބައިވެރިވި ދުވަސް ވަރު ވެސް އެކްރޮން ސްޓޫޑިއޯތަކަށް ގޮސް ޝޯގެ އުފެއްދުންތެރިންނަށް އިންޒާރު ދީ ހެދި ކަމަށް މުތުލޫ ބުންޏެވެ.

އެކްރޮންގެ ހަރަކާތްތަކަށް މުތުލޫ މާބޮޑު ސަމާލުކަމެއް ނުދިނމުން ދެން އޭނާ ކުރީ ހީވެސް ނުކުރާ ފަދަ ކަމެކެވެ. މުތުލޫގެ ބޮލަށް ބަޑި ޖަހައި ޒަހަމް ކޮށްލީ އެވެ.

އެކްރޮންގެ ހަމަލާއަށް ފަރުވާ ހޯދުމަށްޓަކައި މުތުލޫ ދެ މަސް ދުވަސް ވަންދެން އައިސީޔޫގެ ފަރުވާ ހޯދި އެވެ. މިއަދާ ޖެހެންދެން ވެސް ބަޑީގެ ވަޒަން އޭނާގެ ސިކުނޑީގައި ހަރުލާފައި ހުރިއިރު އޭނާއަކީ މިހާރު ހަތަރެސްފައި ހަރަކާތް ނުކުރެވޭ ފުރޮޅުލީ ގޮނޑިއާއި އެހެން މީހުންނަށް ބަރޯސާވާން ޖެހިފައިވާ މީހެކެވެ.

މުތުލޫ ބުނީ އެކްރޮން ބޭނުންވީ އޭނާ މަޝްހޫރުވުން ހުއްޓުވަން ކަމަށާއި ގިނަ މީހުންނަށް މުތުލޫއަކީ ކާކުކަން އެނގިއްޖެނަމަ އޭނާ ގެއްލިދާނެ ކަމުގެ ބިރު އެކްރޮންއަށް އޮތް ކަމަށެވެ.

މި ހަމަލާއާ ގުޅިގެން އެކްރޮންއަށް 15 އަހަރުގެ ޖަލު ހުކުމެއް ލިބުނުއިރު ވަރަށް ފަހުން އޭނާ މިނިވަންވި ވާހަކައިގެ އަޑުތައް ވަނީ އަރާފަ އެވެ. އެކަމުގެ ހަގީގަތެއް ނޭނގޭއިރު މުތުލޫ ބުނީ އެކްރޮންގެ ކުށަށް އުމުރު ދުވަހުގެ ސަޒާ ވެސް ކުޑަ ކަމަށެވެ.

ހަމަލާއަށް އަށް އަހަރު ފާއިތުވެގެން ދިޔައިރު މުތުލޫގެ ހަޔާތަށް ބޮޑެތި ބަދަލު ތަކެއް އައިސްފައި ވީނަމަވެސް ބަދަލު ނުވި އެއް ކަމަކީ މިއުޒިކަށް މުތުލޫގެ ހިތުގައި އޮތް ލޯތްބެވެޫ.

ތަފާތަކީ ކުރިއާ ޚިލާފަށް ތުރުކީގެ ސަގާފީ ލަވަތައް އޭނާ ނުކިޔާ ކަމެވެ. މިއަދު މުތުލޫއަކީ އޭނާއަަށް ކުރިމަތިވި ކަހަލަ ހާދިސާތަކާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރަން ޓިކްޓޮކް މެދުވެރިކޮށް ލަވަކިޔާ މީހެކެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައ ތުރުކީގެ 15 އަހަރާއި 49 އަހަރާ ދެމެދުގެ އަންހެނުންގެ ތެރެއިން 23 ޕަސެންޓް އަންހެނުންނަކީ އުމުރުގެ ކޮންމެވެސް ހިސާބެއްގައި ޖިސްމާނީ ނުވަތަ ޖިންސީ އަނިޔާއާ ކުރިމަތިލާން ޖެހިފައިވާ މީހެކެވެ.

މުތުލޫ އިތުރަށް ބުނީ އޭނާގެ ނަމުގެ މާނައަކީ އުފާވެރިކަން ނަމަވެސް މިހާރު އެ ނަމުގެ މާނަ އޭނާއަށް ބަދަލު ވެފައިވާ ކަމަށެވެ. މިހާރު މުތުލޫގެ މާނައަކީ ގޮންޖެހުންތަކުން އަރައިގަނެ ހިތްވަރު ކުރުން ކަމަށް އޭނާ ގަބޫލު ކުރެ އެވެ.