ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއަށް އެޕާޓީގެ ރިޔާސީ ޓިކެޓް އެރުވުމާއި ޖޭޕީގެ ކެމްޕެއިން އިފްތިތާހް ކުރުމަށް މިރޭ ބޭއްވި ޖަލްސާއަށް ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.

މިރޭ ބޭއްވި ޖަލްސާއަށް ފައިސަލް ނަސީމަށް ވެސް ވަނީ ދައުވަތު ދެއްވާފަ އެވެ. އެހެން ނަމަވެސް މިރޭގެ ޖަލްސާގައި ފައިސަލް ބައިވެރިވެވަޑައިނުގަތީ ކީއްވެގެން ކަމެއް އެނގިފައެއް ނުވެ އެވެ.

ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވަނީ ގާސިމް އިބްރާހީމްއަށް ޖޭޕީގެ ރިޔާސީ ޓިކެޓް ހަވާލުކުރައްވާފަ އެވެ. އަދި ޖޭޕީގެ ކެމްޕެއިން ވެސް މިރޭ ރަސްމީކޮށް ލޯންޗުކޮށްފައިވެ އެވެ.

މިރޭގެ ޖަލްސާގައި ފައިސަލް ބައިވެރިވެވަޑައިގެންފައި ނުވާއިރު ޖޭޕީ އާއި ފައިސަލް އާއި އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.

ފެބްރުއަރީ 25 ވަނަ ދުވަހު ބޭއްވި ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި ވެސް ފައިސަލް ބައިވެރިވެވަޑައިގެންފަ އެއް ނުވެ އެވެ.

ކޮންގްރެސްގައި ބައިވެރިވުމަށް ގާސިމް ވަނީ ފައިސަލް އަށް ދައުވަތު ވެސް ދެއްވާފަ އެވެ. އެ ދުވަހު ކޮންގްރެސްގައި ބައިވެރިނުވީ އާލަސްކަންފުޅާ އުޅުއްވާތީ ކަމަށް ފައިސަލްގެ ވިދާޅުވެފައިވެ އެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް އެރުވުމާއި ޖޭޕީގެ ކެމްޕެއިން އިފްތިތާހް ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ލީޑަރު ގާސިމް އިބްރާހީމް ބައިވެރިވަނީ.

ކޮންގްރެސްގައި ބައިވެރިނުވީ އާލާސްކަންފުޅާ އުޅުއްވާތީ ކަމަށް ވިދާޅުވި ނަމަވެސް އެދުވަހު ހަވީރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ފުޑް އެންޑް ބެވަރޭޖަސް ފެއާއަށް ނައިބު ރައީސް ވަޑައިގެންނެވި އެވެ.

ގާސިމް ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި އުޅުއްވި ފައިސަލް ނައިބު ރައީސްގެ މަގާމަށް ހޮވިވަޑައިގަތީ މިހާރުގެ ކޯލިޝަން ސަރުކާރުގައި ޖުމްހޫރީ ޕާޓީއަށް ލިބުނު ސްލޮޓުގަ އެވެ.

ރިޔާސީ އިންތިހާބު ތެރޭގައި ފައިސަލް ޖުމްހޫރީ ޕާޓީގެ ހަރަކާތްތަކުން ވަރަށް ގިނައިން ފެނިވަޑައިގަތް ނަމަވެސް ރިޔާސީ އިންތިހާބަށް ފަހު ޖުމްހޫރީ ޕާޓީގެ ހަރަކާތްތަކުން ނުފެނެ އެވެ.

ޖުމްހޫރީ ޕާޓީގެ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ރިޔާސީ އިންތިހާބަށް ފަހު ފައިސަލް ނައިބު ރައީސްގެ ހުވާ ކުރެއްވުމަށް ފަހު ޕާޓީގެ ކަންކަމުގައި އުޅުއްވާލެއް މަދު ކަމަށެވެ. އަދި ޕާޓީއާ އެހާ ގާތް ގުޅުމެއް ނުބާއްވާ ކަމަށް ވެސް ވިދާޅުވި އެވެ.