ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަށް އަރުވައި ޖޭޕީގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް ފަށައިފި އެވެ.

ގާސިމްއަށް ރިޔާސީ ޓިކެޓް ހަވާލުކޮށްދެއްވާ ކެމްޕެއިން ލޯންޗު ކުރީ އަލިމަސް ކާނިވަލުގައި މިރޭ ބޭއްވި ރަސްމިއްޔާތުގަ އެވެ.

ގާސިމްއަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް އަރުވައިދެއްވީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް އެވެ.

މި ރަސްމިއްޔާތުގައި ޕާޓީގެ "ރަސްމީ ސްލޯގަން"ގެ ގޮތުގައި ކަނޑައަޅާފައިވަނީ "ހާސްކަނޑާލާ! ހަމަޖެހޭނެ! ކުރިއަށް ދިވެހި ގައުމު" މި ސްލޯގަން އެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ޝަރުތު ހަމަވާކަމަށް ނިންމައި ގާސިމްއަށް ޕާޓީގެ ރިޔާސީ ޓިކެޓް ދިނުމަށް ނިންމާފައި ވަނީ އޭޕްރީލް މަހުގެ 3 ވަނަ ދުވަހު އެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓް ހޯދުމަށް ކުރިމަތިލާން އެ ޕާޓީން ހުޅުވާލީ މަޗް މަހުގެ 16 ވަނަ ދުވަހު އެވެ. އަދި އެ ފުރުސަތު ހަމަވިއިރު ކުރިމަތިލެއްވީ ގާސިމް އެކަންޏެވެ.

ޖޭޕީގެ ކައުންސިލުން ނިންމާފައި ވަނީ ގާސިމް ރިޔާސީ ކެންޑިޑޭޓަކަށް ވުމަށް ހުށަހެޅުއްވި ހުށަހެޅުއްވުން ޝަރުތު ހަމަވާ ކަމަށެވެ. އަދި ގާސިމްއަށް ޖޭޕީގެ ރިޔާސީ ޓިކެޓް އެރުވުމަށް ކައުންސިލުން ވަނީ ނިންމާފައި އެވެ.

ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމީ މާޗް މަހުގެ 14 ވަނަ ދުވަހު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގެ އިއްތިފާގުންނެވެ.

ރިޔާސީ އިންތިހާބުގައި ގާސިމް ވާދަކުރެއްވުމަށް ނިންމެވުމާއެކު ޖުމްހޫރީ ޕާޓީން މިހާރުގެ ސަރުކާރުގެ ކޯލިޝަންގައި ބައިވެރިނުވާނެކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ. އެއާއެކު އެ ޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވަނީ ޖުމްހޫރީ ޕާޓީން ވަކިވެފަ އެވެ.

މިރޭގެ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ 8:30 ގައި ނަމަވެސް ޖަލްސާ ފަށާފައި ވަނީ 10:00 އެހާއިރު އެވެ. ޖަލްސާ ނުފެށި ލަސްވެފައިވާ އިރު ކާނިވާ ސަރަހައްދު މިރޭގެ ޖަލްސާއަށް ވަރަށް ކުލަގަދަކޮށް ތައްޔާރުކޮށް ގޮނޑިޖަހާފައިވެ އެވެ. އަދި ޖަލްސާ ފެށުނުއިރު ވެސް ގިނަ ގޮނޑި ހުރީ ހުސްކޮށެވެ. ޖަލްސާ ލަސްވެފައި ވަނީ މީހުން ހަމަނުވެގެން ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ޖޭޕީއަށް ވަރަށް ބޮޑަށް ފާޑު ކިޔާފައިވެ އެވެ.