ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ހަރުގެއަށް ކަޅުތެޔޮ ޖަހައިފި އެވެ.

އާޓިފިޝަލް ބީޗް ކުރިމަތީގައި ހުންނަ އެ ޖަގަހައަށް ކަޅުތެޔޮ ޖަހާފައި ވަނީ ސައިކަލްގައި ދިޔަ ބައެކެވެ. ކަޅުތެޔޮ ޖެހުމުން އެވަގުތު އެ ހަރުގޭގައި ތިބި ބައެއް މީހުންގެ ގައިގައި ވެސް ކަޅުތެޔޮ އުނގުޅުނެވެ. އޭގެތެރޭގައި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ޑިމޮކްރެޓްސްގެ ޖަގަހަ އަކީ އެމްޑީޕީގެ ކުރީގެ ޖަގަހަ އެވެ. އެ ޖަގަހަ ހުންނަ ގޭގެ ވެރިފަރާތް ކަމަށްވާ ޝަފީއާ ޒުބައިރަކީ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ މީހެކެވެ. އެހެންވެ އޭނާ ވަނީ އެ ހަރުގެ އަތުލައިފަ އެވެ.

އެ ހަރުގެ އަތުލީ އެއްބަސްވުމާ ހިލާފަށް ކަމަށް ބުނެ އެމްޑީޕީން ވަނީ ކޯޓަށް މައްސަލަ ވެސް ހުށަހަޅައިފަ އެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.