ހިފާފައިވާ ހުޅަނގު އައްސޭރީގައި އިތުރު 4000 ގެ އަޅަން ނިންމާފައިވާ ކަމަށް އިޒްރޭލުން އެމެރިކާއަށް އަންގައިފައިވާ ކަމަށް ޚަބަރުތައް ފެތުރެން ފަށައިފި އެވެ.

އިޒްރޭލުގެ ކަމާ ބެހޭ އިދާރާތަކާ ހަވާލާދީ ނޫސްތަކުގައިވާ ގޮތުގައި އެގައުމުގެ އިދާރާތަކުން މި ޕްރޮޖެކްޓުގެ ޕްލޭންތައް ޖޫން މަސް ނިމުމުގެ ކުރިން ނިންމާނެ އެވެ. އަލަށް ބިނާ ކުރަން ރާވަމުންދާ 4،000 ގެ އެޅުމަށް ނިންމާފައި ވަނީ އިސްރާއީލުން ހުޅަނގު އައްސޭރީގައި ހިފާފައިވާ ބިމުގައި ބިނާކޮށްފައިވާ ކުފާރު އަދުމީމް އާއި މަޢާލީ އަދުމީމްގެ މެދުގައިވާ ސަރަހައްދެއްގަ އެވެ.

އިޒްރޭލުން ހިފާފައިވާ ބިމުގައި އިތުރު ބިނާތައް ހެދުމާ އެމެރިކާގެ މިހާރުގެ ސަރުކާރުން ދެކޮޅެވެ.

ބައިޑަންގެ ސަރުކާރުން ދެކޭ ގޮތުގައި އިތުރު އިމާރާތްތައް ބިނާކޮށް އާބާދުކުރުމުގެ ސަބަބުން ފަލަސްތީނުގެ ވަކި ދައުލަތެއް އިޒްރޭލާ އިންވެގެން ގާއިމުކުރަން ކުރެވޭ މަސައްކަތަށް ހުރަސް އެޅޭނެ އެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ވެރިކަމުގައި ދެމި އޮތުމަށް ކޯލިޝަން ހަދައިފައި ވަނީ ދީނީ ގޮތުން ހަރުކަށި ޖަމާއަތަކާއެވެ.

އެ ޕާޓީން ގަބޫލުކުރާ ގޮތުގައި ހިފާފައިވާ ހުރިހާ ސަރަހައްދެއްގައި އިޒްރޭލުގެ ރައްޔިތުންނަށްޓަކައި އިތުރު ގެދޮރު ބިނާކޮށް ޔަހޫދީން އާބާދު ކުރަން ޖެހޭނެ އެވެ. އަދި އެމެރިކާގެ ރައުޔު މިކަމުގައި ކޮންމެ ގޮތަކަށް އޮތް ކަމުގައި ވިޔަސް އެ ޕާޓީން ބޭނުންވަނީ ގެދޮރު ބިނާކުރުމުގެ މަސައްކަތް އަވަސް ކުރުމަށެވެ. އެއީ އެޕާޓީން ނަތަންޔާހޫ އާއެކު ކޯލިޝަން ހެދުމުގައި ކުރުވި މައިގަނޑު އެއް ޝަރުތެވެ.

ވައިޓ ހައުސް އިން މިމައްސަލައާ ގުޅޭގޮތުން ވާހަކަދެއްކި އޮފިޝަލް ވަނީ އިޒްރޭލުން އިތުރު ގެދޮރު އަޅަން އުޅޭކަން ކަށަވަރުކޮށް ދިނުމަށް ދެކޮޅު ހަދައިފަ އެވެ. އޭގެ ބަދަލުގައި އޭނާ ބުނީ ހިފާފައިވާ ބިންތަކުގައި އިތުރު ގެދޮރު އިމާރާތްކުރުމަކީ އެމެރިކާއިން މާ ކުރީއްސުރެ އެކަމާ ދެކޮޅުހަދާ ކަމެއް ކަމަށެވެ.