ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ކަރަން ޖޯހަރު ފިލްމީ ދާއިރާއަށް ކޮށްދެއްވާ ހިދުމަތް ފާހަގަ ކުރުމުގެ ގޮތުން އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުން އޭނާ އަށް ހާއްސަ ޝަރަފެއް އަރުވަން ނިންމައިފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކަރަން އަށް އިނގިރޭސިވިލާތުގެ ގާނުނު ހަދާ މަޖިލީހުން ފިލްމީ ދާއިރާއަށް ކޮށްދޭ މަސައްކަތް ފާހަގަކޮށް ހާއްސަ ޝަރަފެއްދޭ ނިންމީ އޭނާގެ ޑައިރެކްޓް ކޮށްފައިވާ ގިނަ ފިލްމުތައް އިނގިރޭސިވލާތުގައި ނަގާފައިވާތީ އެވެ. ކަރަން އަށް ހާއްސަ ޝަރަފު ހަވާލުކުރުން އޮންނާނީ މިމަހުގެ 20 ވަނަ ދުވަހު މަޖިލިސް މެމްބަރުންގެ ކުރިމަތީގަ އެވެ.

ކަރަން ޖޯހަރަކީ ފިލްމު ޑައިރެކްޓް ކުރުމުގެ އިތުރުން ފިލްމު އުފެއްދުމުގައިވެސް އުޅޭ ފަރާތްތަކެވެ. އަދި ބޮލީވުޑްގައި އެންމެ ނުފޫޒު ގަދަ މީހުންގެ ތެރޭގައި ހިމެނޭ ފަރާތްތަކެވެ. ކަރަން ފިލްމު އުފެއްދުމާއި ޑައިރެކްޓް ކުރުމުގެ އިތުރުން ރިއަލިޓީ ޝޯ ހުށަހަޅައިދިނުމާއި ރިއަލިޓީ ޝޯތަކުގެ ޖަޖެއްގެ ގޮތުގައިވެސް ވަނީ ފެނިގެން ގޮސްފަ އެވެ. އަދި ކަރަން އަކީ ދަރުމާ ޕްރޮޑަކްޝަންގެ ނަމުގައި ޕްރޮޑަކްޝަން ހައުސެއް ހިންގަމުން އަންނަ ފަރާތްތެކެވެ.

ކަރަންގެ ގިނަ ފިލްމުތަކެއް އިނގިރޭސިވިލާތުގައި ޝޫޓްކޮށްފައިވާއިރު އެފިލްމުތަކަކީ ބޮލީވުޑްގައި ބޮޑު ކާމިޔާބީތަކެއް ހޯދާފައިވާ ފިލްމުތަކެވެ. އޭގެ ތެރޭގައި ކަރަން އަލަށް ޑައިރެކްޓްކުރި 1998 ގެ "ކުޗް ކުޗް ހޯތާ ހޭ" އާއި 2001 ގެ "ކަބީ ހުޝީ ކަބީ ޢަމް" އަދި 2016 "އޭ ދިލް ހެ މުޝްކިލް" ހިމެނެ އެވެ.

މީގެ ތެރެއިން "ކަބީ ހުޝީ ކަބީ ޢަމް" އަކީ އިނގިރޭސިވިލާތުގައި ވަރަށް މަޝްހޫރުވި އަދި އެ ގައުމުން ބޮޑު އާމްދަނީއެއް ވެސް ހޯދި ފިލްމެކެވެ.

މިއަހަރު ވަނީ ކަރަން ބޮލީވުޑްގައި މަސައްކަތް ކުރާތާ 25 އަހަރު ފުރިފަ އެވެ. މިހާރު ކަރަން އަންނަނީ މި އަހަރު އެންމެ ބޮޑަށް އިންތިޒާރުކުރެވޭ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" މަސައްކަތް ކުރަމުންނެވެ. ރަންވީރު ސިންގް އާއި އާލިއާ ބަޓް ލީޑް ރޯލު ކުޅެފައިވާ މިފިލްމަކީ ރޮމޭންޓިކް ކޮމެޑީއެކެވެ. މިފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ޖުލައި މަހު އެވެ.