ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ނުދީ ލަސް ކުރަމުންދާތީ އެޕާޓީ އުފައްދަން އިލެކްޝަންސް ކޮމިޝަނުން ހުރަސް އަޅަމުންދާ ކަމަށް ޑިމޮކްރެޓްސްގެ މުއައްސިސް ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ޑިމޮކްރެޓްސް އިން ހުށަހެޅި 3560 ފޯމު ޕްރޮސެސްކޮށް ސިޔާސީ ޕާޓީތަކުގެ ގަވާއިދުގައި ބުނާ 3000 ފޯމުގެ ސައްހަކަން ބެލުމަށްފަހު ބާއްވާ ޖަލްސާ ބާއްވަން ހުއްދަ ދިނުމަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ ބުރާސްފަތު ދުވަހު ބައްދަލުވުމެއް ބައްވަން މަސައްކަތް ކުރިއެވެ.

މިއަދު އިލެކްޝަންސް ކޮމިޝަނަށް ވަޑައިގަތުމަށް ފަހު ހަސަން ލަތީފް ވިދާޅުވީ ބުރާސްފަތި ދުވަހު އެ ހުއްދަ ނުދެވިއްޖެނަމަ އާދިއްތަ ދުވަހު ކޮމިޝަންގެ ބައްދަލުވުމެއް ބާއްވާ ހުއްދަ ދިނުމާމެދު ގޮތެތް ނިންމާނެ ކަަމަށް އެ ދުވަހު އެންގި ކަމަށެވެ.

ހަސަން ވިދާޅުވީ ޑިމޮކްރެޓްސް އުފެއްދުމަށް ހުއްދިނުދީ ހިފަހައްޓަނީ ކޮމިޝަންގެ މެމްބަރުން ކަމަށެވެ. އަދި ޕާޓީ އުފެއްދުމަށް ކޮމިޝަންގެ ދެ މެމްބަރުން ހުރަސް އަޅުއްވާ ކަމަށްވެސް ހަސަން ވިދާޅުވި އެވެ.

އެހެން ނަމަވެސް އެއީ ކޮން ދެ މެމްބަރުންނެއް ކަމެއް ހަސަން ވިދާޅެއް ނުވެ އެވެ.

ހަސަން ލަތީފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ބައްދަލުކުރެއްވުމުން ސައްހަ 3000 ފޯމު އޮތް ކަމުގެ ޔަގީންކަން ދެއްވި ކަމަށެވެ.

އަދި ހުއްދަ ދިނުން ލަސްވަނީ ފޯމުތައް ޕްރޮސެސް ކުރާތީ ކަމަށް ފުއާދު ވިދާޅުވި ކަމަށް ހަސަން ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދިނުން ލަސްވަނީ ހުށަހެޅި ފޯމުތައް އަދިވެސް އެއްކޮށް ޕްރޮސެސް ނުކުރެވޭތީ ކަމަށާ މިހާރު އޮތީ ފޯމުތައް ޕްރޮސެސް ކުރުމުގެ އެންމެ ފަހު މަރުހަލާގައި ކަމަށެވެ.

އިލެކްޝަނުން ބުނީ ސައްހަކަން ބެލުމަށް ވަކި އަދަދަކަށް މީހުންނަށް ގުޅަމުން ގެންދާ ކަމަށެވެ.

ޑިމޮކްރެޓްސް އިން ޕާޓީ އުފެއްދުމަށް 3560 ފޯމާއި އެކެ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ މިމަހުގެ އެއްވަނަ ދުވަހު އެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ އީސީން ދީފައިވަނީ މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު އެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން ޕާޓީ އުފައްދަން ހުށަހަޅަން ޖެހެނީ މަދުވެގެން 3،000 މެމްބަރުންގެ ސޮޔާ އެކުގަ އެވެ.