ދަ ޑިމޮކްރެޓްސް އުފައްދަން ހުއްދަ ނުދީ ލަސް ކުރަމުންދާތީ އާއި ޕާޓީ އުފައްދަން އިލެކްޝަންސް ކޮމިޝަންގެ ދެ މެމްބަރުން ހުރަސް އަޅަމުން ދާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ޑިމޮކްރެޓްސްގެ ބޭފުޅުން ނުކުންނަން ދެކޮޅު ހަދައިފި އެވެ.

ޑިމޮކްރެޓްސް އިން އީސީ އަށް ދިޔައީ މިއަދު ހަވީރު އެވެ.މިއަދު އިލެކްޝަންސް ކޮމިޝަނަށް ވަޑައިގަތުމަށް ފަހު ހަސަން ލަތީފް ވިދާޅުވީ ބުރާސްފަތި ދުވަހު އެ ހުއްދަ ނުދެވިއްޖެނަމަ އާދިއްތަ ދުވަހު ކޮމިޝަންގެ ބައްދަލުވުމެއް ބާއްވާ ހުއްދަ ދިނުމާމެދު ގޮތެތް ނިންމާނެ ކަަމަށް އެ ދުވަހު އެންގި ކަމަށެވެ.

ހަސަން ވިދާޅުވީ ޑިމޮކްރެޓްސް އުފެއްދުމަށް ހުއްދިނުދީ ހިފަހައްޓަނީ ކޮމިޝަންގެ މެމްބަރުން ކަމަށެވެ. އަދި ޕާޓީ އުފެއްދުމަށް ކޮމިޝަންގެ ދެ މެމްބަރުން ހުރަސް އަޅުއްވާ ކަމަށްވެސް ހަސަން ވިދާޅުވި އެވެ.

އެހެން ނަމަވެސް އެއީ ކޮން ދެ މެމްބަރުންނެއް ކަމެއް ހަސަން ވިދާޅެއް ނުވެ އެވެ.

ޑިމޮކްރެޓްސްގެ ބޭފުޅުން މިހާރު ވެސް އިލެކްޝަންސް ކޮމިޝަންގައި ތިބި އިރު އެޕާޓީ ހުއްދަ ދިނުމަށް އިލެކްޝަންސް ކޮމިޝަންގައި މިހާރު މެމްބަރުންގެ ޖަލްސާ ވެސް ކުރިއަށް އެބަދެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެފައިވަނީ ޑިމޮކްރެތްސްގެ ގިނަ ފޯމުތައް ސައްހަ ކަމަށެވެ. ޑިމޮކްރެޓްސް އިން ހުށަހެޅި 3560 ފޯމުގެ ތެރެއިން 3000 ފޯމު މިހާރުވެސް ސައްހަ ކަން ކަށަވަރުކުރެވިފައިވާ ކަމަށާ މިރޭ ޕާޓީ އުފެއްދުމަށް ހުއްދަ ދޭނެ ކަމަށް ފުއާދު ވަނީ ވިދާޅުވެފަ އެވެ.

އހެން ނަމަވެސް ޑިމޮކްރެޓްސްގެ ބޭފުޅުން ވަނީ އިލެކްޝަންސް ކޮމިޝަންގެ އިދާރާ ދޫކޮށް ދިއުމަށް ދެކޮޅު ހަދާފަ އެވެ. އެބޭފުޅުން މިހާރު ވެސް ތިއްބެވީ އިލެކްޝަންސް ކޮމިޝަންގަ އެވެ. އަދި ޕާޓީ އުފެއްދުމުގެ ހުއްދަ ނުދެނީސް އެތަނުން ނުދާނެ ކަމަށް އެބޭފުޅުން ވަނީ ބުނެފަ އެވެ.