ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ އަޑީގައި ހުރި ހ. ހާޖަރާގޭ، އަބްދުﷲ ލުތުފީގެ މައްޗަށް އިއްވި އުމުރު ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމިއްޖެ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަން ވައްޓާލުމަށް ލަންކާގެ ޕީޕަލްސް ލިބަރޭޝަން އޮގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) ޖަމާއަތާ ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުކޮށްލި އެވެ. އެ ދުވަހުގެ ކަންތަކުގެ އެންމެ އިސް މީހެއްގެ ގޮތުގައި ހުރީ ލުތުފީ އެވެ.
އެ މައްސަލާގައި ލުތުފީގެ މައްޗަށް ކުށް ސާބިތުވެ އޭނާ މަރަން ވަނީ ހުކުމްކޮށްފަ އެވެ. ނަމަވެސް ފަހުން އެހުކުމް ރައީސް މައުމޫން ލުއި ކޮށްދެއްވައި އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލު ކުރި އެވެ. 2010 ވަނަ އަހަރު ބޭސްފަރުވާ އަށް ލަންކާ އަށް އޭނާ ފޮނުވި އެވެ. އޭގެ ފަހުން އޭނާ ލަންކާގައި އުޅުނީ ފިލައިގެންނެވެ.
އޭގެ ފަހުން 9 އަހަރާ ހަ މަސް ފިލައިގެން އުޅުމަށް ފަހު ލަންކާގައި 2019 ވަނަ އަހަރު ދިން ބޮމުގެ ހަމަލާ އާއި ގުޅިގެން އޭނާ ވަނީ އެ ގައުމުގައި ހުންނަ ދިވެހި އެމްބަސީއަށް އަމިއްލައަށް ހަވާލުވެފަ އެވެ. 2019 ވަނަ އަހަރުގެ ޖުލައި 9 ވަނަ ދުވަހު ލުތުފީ މާލެ ގެނަ އެވެ.
އެއަށްފަހު ލުތުފީގެ މައްޗަށް އޭނާ ފިލައިގެން އުޅުނު މައްސަލާގައި މީހުން ބަންދުކުރާ މަރުކަޒަކުން ފިލުމުގެ ދައުވާ އުފުލި އެވެ. އަދި ހަތް މަހާ ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވި އެވެ.
ލުތުފީގެ މައްޗަށް ނޮވެމްބަރު 3 އާ ގުޅިގެން ކުރި އުމުރު ދުވަހުގެ ޖަލު ހުކުމް މިހާރު ވަނީ ތަންފީޒުކޮށް ނިމިފަ އެވެ. އެހެން ނަމަވެސް އޭނާ މިހާރު ގެންދަނީ ފިލައިގެން އުޅުނު ދައުވާގެ ޖަލު ހުކުމް ތަންފީޒު ކުރަމުންނެވެ.
ލުތުފީއާއެކު އެ ހަމަލާގައި ބައިވެރިވި، ސަގަރު އަހުމަދު ނާސިރުގެ މައްޗަށް ވެސް 25 އަހަރުގެ ޖަލު ހުކުމެއް ކުރި އެވެ. އެ ހުކުމް ތަންފީޒުކޮށް މިހާރު ވަނީ ނިމިފަ އެވެ.