ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓުން އެއްކޮށްލި ދެ އެޕާޓްމެންޓް ކުރިން ހުރި ގޮތަށް ހަދަމުންދާތީ އެ ދެ އެޕާޓްމަންޓް އަތުނުލާން އާބަންކޯ އިން ނިންމައިފި އެވެ.

ހިޔާ ފްލެޓްތަކުގެ އިމާރާތެއްގެ ދެ އެޕާޓްމަންޓް އެއްކޮށްލައިގެން އެއް އެޕާޓްމަންޓަކަށް ބަދަލު ކޮށްފައިވާތީ ކޮންމެ އެޕާޓްމެންޓެއް އެއް ލައްކަ ރުފިޔާއިން (ޖުމްލަ ދެލައްކަ ރުފިޔާ) ޖޫރިމަނާކޮށް އެތަން ކުރިން ހުރި ގޮތަށް ހެދުމަށް އަންގާފައި ވަނީ މިދިޔަ މަހުގެ 5 ވަނަ ދުވަހު އެވެ.

އެ ދެ ފްލެޓްގެ ވެރިން ދެ ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، 10 ދުވަހުގެ ތެރޭގައި މިކަން އިސްލާހުކޮށް، ފުލެޓް ހަވާލުކުރިއިރު ހުރިގޮތަށް އިޔާދަ ކުރުމަށް، ފުލެޓުތަކުގެ ވެރިފަރާތްތަކަށް އާބަންކޯއިން ވަނީ އަންގާފަ އެވެ.

އެ ދެ ތަނުގެ ވެރިފަރާތުން ޖޫރިމަނާ ކުރި ނަމަވެސް އެ ފައިސާ ދައްކާފައެއް ނުވެ އެވެ. އަދި އެތަން ކުރިން ހުރި ގޮތަށް ހަދަން ދިން މުއްދަތުގައި އެކަން އެގޮތަށް ކޮށްފައެއް ވެސް ނުވެ އެވެ. އެހެންވެ އާބަންކޯއިން ވަނީ އެއްބަސްވުން ބާތިލްކޮށް އެ ދެ ފްލެޓް ހުސްކުރުމަށް އެންގި އެވެ. ނަމަވެސް މިހާރު އެ ދެ ފްލެޓްގެ ވެރިފަރާތުން ވަނީ އެތަން ކުރިން ހުރިގޮތަށް ހަދަން ރާނަން ފެށުމުން އާބަންކޯގެ ނިންމުން ބަދަލުކުރީ އެވެ.

އާބަންކޯއިން ބުނީ ދެ ފްލެޓް ވަކިކޮށްލުމަށް މިހާރު ރާނަން ފަށާފައިވާ ކަމަށާ އެހެންވެ މިހާރު އެތަން އަތުނުލާ ގޮތަށް ނިންމާފައިވާ ކަމަށެވެ.

ޖޫރިމަނާ ފައިސާ ނުދައްކާތީ އާބަންކޯއިން ބުނީ ވެރިފަރާތުން ޖޫރިމަނާއަށް ލުއި ގޮތެއް ހަދައިދޭން އެދިފައިވާ ކަމަށެވެ. އަދި މިހާރު ދެ ފްލެޓް ވަކިކުރުމަށް ރަނަމުންދާތީ އެކަމާމެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށް އާބަންކޯ އިން ވަނީ ބުނެފަ އެވެ.

ދެފްލެޓް ހުސްކުރުމަށް އެންގުމާއި ގުޅިގެން އެފަރާތުން މައްސަލަ ސިވިލް ކޯޓަށް ވެސް ހުށަހެޅި އެވެ. އެހެން ނަމަވެސް ސިވިލް ކޯޓުން ބުނެފައިވަނީ ދެ ތަނުގެ އެއްބަސްވުން އާބަންކޯ ބާތިލުކޮށް އެތަން އަތުލަން ނިންމާފައިވާ ނިންމުން މަޑުޖައްސާލުމުގެ އަމުރެއް ނެރެދެން ނެތް ކަމަށެވެ.