ހއ. ކެލާގައި ބޮޑު އީދު ފާހަގަކުރުމަށް ބާއްވާ ޝޯއަށް އިންޑިއާގެ ބޭންޑެއް ގެނައުމަށް އެރަށު ކައުންސިލުން 400،000 ރުފިޔާ ހަރަދުކުރުމަށް ނިންމުމުން ސޯޝަލް މީޑިއާގައި ކެލާ ކައުންސިލަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ބޮޑު އީދު ކުލަގަދަ ގޮތެއްގައި ކެލާގައި ފާހަގަކުރުމަށް އެރަށު ކައުންސިލުން ވަނީ ނިންމާފަ އެވެ. އެގޮތުން އީދު ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ޝޯއަށް އިންޑިއާގެ ބޭންޑެއް ގެނުމަށް 400،000 ރުފިޔާގެ ބަޖެޓެއް ވެސް ކައުންސިލުން ވަނީ ފާސްކޮށްފަ އެވެ.

ކެލާ ކައުންސިލުން މިހާ ބޮޑު ބަޖެޓެއް ބޭންޑެއް ގެނައުމަށް ފާސްކުރުމުން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ފާޑުކިޔަމުންނެވެ. އެފަރާތްތަކުން ބުނާ ގޮތުގައި ކެލާ ކައުންސިލުން ފާސްކޮށްފައިވާ ބަޖެޓަކީ ބޮޑު އިސްރާފެއް ކަމަށެވެ. އަދި އިންޑިއާގެ ބޭންޑެއް އީދު ޝޯއަށް ގެނައުމަށް ވުރެ މުހިންމު ކަންކަން ރަށުގެ ތަރައްގީއަށް އެ ހަތަރު ލައްކަ ރުފިޔާއިން ކުރެވިދާނެ ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ.

އީދުގައި ޝޯ ދޭން ހަތަރު ލައްކަ ހަރަދުކޮށްގެން ބޭންޑެއް ގެންނާކަށް އެކަމާ ގުޅިގެން ހިޔާލު ފާޅުކުރި ކެލާގެ ގިނަ ރައްޔިތުން ބޭނުމެއް ނޫނެވެ. އަދި އެމީހުން އަންނަނީ އެ ނިންމުން ބާތިލް ކުރުމަށް ކައުންސިލަށް ގޮވައިލަމުންނެވެ.

މިކަމާ ގުޅިގެން ބައެއް މީޑިއާތަކުގައި ކެލާ ކައުންސިލުގެ މެންބަރަކު ވިދާޅުވެފައި ވަނީ މިގޮތަށް ބަޖެޓެއް ފާސްކުރީ މިފަހަރުގެ އީދު ތަފާތު ގޮތަކަށް ފާހަގަ ކުރުމުގެ ބޭނުމުގައި ކަމަށެވެ. އަދި ފާސްކުރި ބަޖެޓް ހުސްވަންދެން އެކަމަށް ހަރަދު ނުކުރާނެ ކަމަށް ވެސް ކައުންސިލުން ބުނެ އެވެ.

އިންޑިއާގެ ދިއްލީގައި މަސައްކަތް ކުރާ "ބޮލީވުޑް ދަމަކް" ކިޔާ ބޭންޑް ކެލާއަށް އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ. މި ބޭންޑް ކެލާގައި ތިން ރޭ ޝޯ ދިނުމަށް ހަމަޖެހިފައިވެ އެވެ.

ކެލާގައި އީދު ފާހަގަކުރުމުގެ ގޮތުން ހަވާ އެރުވުމާއި، ކުރުފަލި ޖެހުމާއި މާލި ނެށުމާއި، ލަގިރި ޖެހުމާއި، ބޮޑުމަސް ކުޅުން ފަދަ ސަގާފީ ކުޅިވަރުތައް ވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވެ އެވެ.