މިއަހަރުގެ ރިޔާސީ އިންތިހާބު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކާމިޔާބުކޮށް، ގާސިމްގެ ވެރިކަމެއް އުފެއްދިއްޖެނަމަ އާޖެންޓީނާގެ ކެޕްޓަން އަދި ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީ ގަލޮޅު ދަނޑުގައި ފުޓްބޯޅަ މެޗެއް ކުޅޭނެ ކަމަށް ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެ އެވެ.

ސަލްޓަން ޕާކުގައި ރޭ ބޭއްވި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމްގެ ކެމްޕޭން ހަރަކާތުގައި ވާހަކަ ދައްކަވަމުން ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވީ ގާސިމްގެ ވެރިކަމެއްގައި ކުޅިވަރާއި ޒުވާނުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެކަމަށެވެ. އެގޮތުން ގާސިމްގެ ވެރިކަމެއްގައި ކުޅިވަރުގެ ދާއިރާގެ ދައުރު ފުޅާކޮށް، ރަށްރަށުގައި ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް ހިންގުމުގެ މަގުފަހިކޮށްދޭނެ ކަމަށެވެ.

ރިޔާޒު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އޮލިމްޕިކް ސްޓޭޑިއަމެއް އަޅާއިދޭނެ ކަމަށާއި، އޭގެ އިތުރުން ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ މެސީ ރާއްޖެ ގެނެސްދޭނެ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

"އަޅުގަނޑު ތިބޭފުޅުންނަށް ޔަގީންކަން ދެން އެމަނިކުފާނުގެ ވެރިކަމެއްގައި މެސީ އައިސް ގަލޮޅު ދަނޑުގައި ފުޓްބޯޅަ ކުޅޭނެ. މެސީ ފުޓްބޯޅަ މެޗެއް ކުޅޭނެ އެމަނިކުފާނުގެ ވެރިކަމެއްގައި. ޒުވާނުންނާއެކު ފުޓްބޯޅަ ކުޅޭނެ،" ރިޔާޒު ވިދާޅުވި އެވެ.

ރާއްޖޭގައި އުފެދުނު އެންމެ ކުޅަދާނަ ރެފްރީންގެ ތެރޭގައި ވެސް ހިމެނޭ ރިޔާޒް އިތުރަށް ވިދާޅުވީ ދިވެހިން ކުޅިވަރުގެ މައިދާނުގައި އިތުރު ހަރުފަތަކަށް ގެންދިޔުމުގެ ގާބިލްކަން ހުރި ބޭފުޅުން ތިއްބެވީ ގާސިމް އަރިހުގައި ކަމަށެވެ. އަދި ރާއްޖޭގައި ޔޫރޯ އާއި ވޯލްޑްކަޕް ކޮލިފައިން މެޗުތައް ވެސް ބޭއްވިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.