ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން ވ. އާރަށް ކުއްޔަށްދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލި މަނީ ލޯންޑަރިންނާއި ރިޝްވަތު ހުށަހެޅުމުގެ ދައުވާ ސާބިތުވެ ރައީސް އަބްދުﷲ ޔާމީނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް އީދު ބަންދުގެ ކުރިން ނިންމައި ދިނުމަށް އެމަނިކުފާނު އެދިވަޑައިގެންފި އެވެ.

މިއަހަރުގެ އަލްހާ އީދަކީ މިމަހުގެ 28 ވަނަ ދުވަހެވެ.

ރައީސް ޔާމީން ވަނީ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވެސް އެމަނިކުފާނުގެ އިސްތިއުނާފް އަޑުއެހުންތައް އަވަހަށް ގެންގޮސް ނިންމައި ދިނުމަށް އެދިވަޑައިގެންފަ އެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ 14 ނުކުތާ އެއް ހުށަހަޅުއްވާފަ އެވެ.

އޭގެ ތެރޭގައި ކްރިމިނަލް ކޯތުގެ ހުކުމުގައި ޝަރީއަތަށް ހުށަނާޅާ ހެކިންގެ ހެކިބަހާ ހެކިން ދައްކާފައި ނުވާ ވާހަކަތައް ހުކުމުގައި ހުރިކަން ރައީސް ޔާމީންގެ ފަރާތުން ފާހަގަކުރެއްވި އެވެ. އަދި ދައުލަތުން ހުށަހަޅާފައިވާ ބައެއް ސިޓީތަކުގައި ހުރި އިބާރާތްތައް ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަން ރައީސް ޔާމީންގެ ވަކީލުން ވިދާޅުވި އެވެ.

އޭގެ އިތުރުން ރައީސް ޔާމީން ޑޮލަރު ބައްލަވައިގެންނެވިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކާއި ކިތާބީ ހެކިތަކަށް އެއްވެސް ވަރަކަށް ދަށު ކޯޓުން ރިއާޔަތްކޮށްފައި ނުވާކަން ފާހަގަކުރެއްވި އެވެ. ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ރައީސް ޔާމީންގެ ފަރާތުން ހުށަހެޅުއްވި ތަކަށް ދައުލަތުން ޖަވާބުދާރީވުމެވެ.

މިއަދުގެ އަޑުއެހުމުގައި ވެސް ރައީސް ޔާމީން ވަނީ އީދު ބަންދުގެ ކުރިން މައްސަލަ ނިންމަވައިދެއްވުމަށް އެދިވަޑައިގެންފަ އެވެ.

މައްސަލަ ބައްލަވާ ފަނޑިޔާރު ވިދާޅުވީ މިމައްސަލައިގެ ޝަރީއަތްތައް ދުރާލާ ތާވަލްކޮށްފައިވާ ކަމަށެވެ.

ކުރީ އަޑުއެހުމުގައި ވެސް ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ އިސްތިއުނާފް އަޑުއެހުންތައް އަވަހަށް ނިންމަވައި ދިނުމަށް އެދިވަޑައިގެންފަ އެވެ.

އެ މައްސަލާގައި 52 މިލިއަން ރުފިޔާ ދެއްކުމަށް ޖޫރިމަނާކޮށް އަދި 11 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފަ އެވެ. މިހާރު ކުރިއަށްދާ އިސްތިއުނާފް އަޑުއެހުމަކީ 11 އަހަރަށް ޖަލަށް ލުމަށް ކުރި ހުކުމުގެ އިސްތިއުނާފް އަޑުއެހުމެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ފަންސާސް ދެ މިލިއަށް ރުފިޔާގެ ޖޫރިމަނާ އެއްކޮށް ހުކުމް އިއްވާފައި ވަނީ މިދިޔަ އަހަރުގެ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގައި އެވެ. ރައީސް ޔާމީންގެ މައްޗަށް އިއްވާފައި ވަނީ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.

މި ދައުވަގައި ހިމެނޭ 52 މިލިއަންރުފިޔާ އިން ޖޫރިމަނާ ކުރަން ކޮށްފައިވާ ހުކުމް ޔާމީންގެ ފަރާތުން އިސްތިއުނާފް ކޮށްފައި ވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ. އަދި މިމައްސަލާގައި ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމް ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.