ޗެނަލް13 ގެ ޕްރޮގްރާމެއްގައި ދެ ފަނޑިޔާރަކާ ގުޅޭގޮތުން ދެއްކި ވާހަކަ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާ ހިލާފު ކަމަށް ބެލެވޭނެ ޖާގައެއްނެތް ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ކަނޑައަޅައިފި އެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުގެ 19 ވަނަ ދުވަހުގެ ރޭ ޗެނަލް 13 އިން ގެނެސްދިން "ހަޖަމް" ޕްރޮގްރާމުގައި، ކޯޓުގައި ހިނގަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފްގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ދެ ފަނޑިޔާރަކަށް ނިސްބަތްކޮށް "ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޒާހިރު، ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ހައިކޯޓުގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ދެ ފަނޑިޔާރަކު ގޮވައިގެން ދެއިރު ދެ ދަޅައަށް ކާރު ދުއްވާ، އެ ފަނޑިޔާރުންނަށް ސުޕްރީމް ކޯޓުގައި ހުސްވެފައިވާ މަގާމު ދެއްވަން ވެގެން ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާ" ކަމަށް ބުނެފައިވެ އެވެ.
ކޮމިޝަނަށް ޝަކުވާ ހުށަހެޅީ އެއީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ބުނެ އެވެ.
ބްރޯޑްކޮމް އިން އާންމުކޮށްފައިވާ މައްސަލައިގެ ނިންމުމުގައި ވަނީ، މައްސަލައާ ގުޅިގެން ގާނޫނީ ހަމަތަކުގެ މަތިން ތަހުގީގުގެ އެންމެހާ އިޖުރާއުތައް ފުރިހަމަކޮށް ކޮމިޝަނުގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލައި އަދި އެ ޕްރޮގްރާމުގެ މުޅި ކޮންޓެންޓަށް ނަޒަރުކުރާއިރު، އެ ކޮންޓެންޓަކީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާ ހިލާފު ކޮންޓެންޓެއް ކަމަށް ބެލެވޭނެ ޖާގައެއް ނެތް ކަމަށެވެ.
އެގޮތަށް ކަނޑައަޅައި މައްސަލަ ނިންމާފައި ވަނީ މައްސަލަ ބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
"ހަޖަމް" އަކީ އެ ޗެނަލްގެ ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލް ސިޔާސީ ޝޯ އެކެވެ.
ޗެނަލް 13 އިން ކޮންމެ ރެއަކު ވަގުތުން ގެނެސްދޭ ޝޯގައި ސިޔާސީ އެކި ކަންކަމަށް ވަރަށް ބޮޑަށް ފާޑުކިޔައި، އިދިކޮޅު ކޯލިޝަންގެ ބޭފުޅުންގެ އިންޓަވިއުތައް ވެސް އެ ޕްރޮގްރާމްގައި ގެނެސްދެ އެވެ.
ސާބަހޭ ހަޖަމް ކުދިން