މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ ފަރާތްތަކަށް އެކަމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 23ނއިން ފެށިގެން އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ކުރިމަތިލެވޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން (އީސީ)ން ބުނެފި އެވެ.

ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ އެޕްލިކޭޝަން ޖުލައި23 އިން އޮގަސްޓް 7އަށް އިންތިހާބާ ބެހޭ މަރުކަޒު، ދަރުބާރުގެއިން ބަލައިގަންނާނެ ކަމަށެވެ.

ރިޔާސީ އިންތިހާބާ ބެހޭ ގާނޫނަށް ގެނައި އެޕްލިކޭޝަން ބަލައިގަތުމުގެ އިސްލާހާ އެކު ކުރިމަތިލުމުގެ މުއްދަތު އިތުރުވިޔަސް ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރާ ތާރީހަށް ބަދަލެއް ނާންނާނެ ކަމަށް ހަބީބް ވިދާޅުވި އެވެ.

މީގެ ކުރިން ރިޔާސީ އިންތިހާބުގައި ވާދަކުރާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމަށް އިލެކްޝަން ކޮމިޝަނުން ދެނީ 10 ދުވަހެވެ.

"ރިޔާސީ އިންތިހާބުގެ މުހިންމު ތާރީހުތައް ކޮމިޝަނުން ކަނޑައަޅާފައިވަނީ، ގާނޫނަށް ބަދަލު އަތުވެދާނެ ކަމަށް ވިސްނައިގެން" ހަބީބް ވިދާޅުވި އެވެ.

ގުރުއަތުލުން އޮންނާނީ، އޭނާ ވިދާޅުވި ގޮތުގައި، ކެމްޕޭން ކުރުމަށް ތިރީސް ދުވަސް ލިބޭގޮތަށް، އޮގަސްޓް 9 ގަ އެވެ.

އިންތިހާބު ކުރިއަށް ގެންދަން އީސީން ކަނޑައަޅާފައިވާ ތާވާލާ އެއްގޮތަށް މިހާރު ވަނީ ވޯޓާސް ލިސްޓް ވެސް އާއްމުކޮށްފަ އެވެ. މިފަހަރުގެ އިންތިހާބުގައި 283000 އަށް ވުރެން ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން އިއުލާންކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްއެންޕީގެ ރައީސް ކާނަލް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިތުރުން ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރު ވެސް ހިމެނެ އެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ކެންޑިޑޭޓުގެ ގޮތުގައި ޔާމީނަށް ޓިކެޓް ހަވާލުކޮށްފައި ވިޔަސް އެމަނިކުފާނަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފް ހައި ކޯޓުގައި ކުރިއަށް އެބަދެ އެވެ. އެމަނިކުފާނަށް ވާދަކުރެއްވޭނެ ކަން ކަށަވަރުވާނީ އިސްތިއުނާފް ނިމުމުންނެވެ.

ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުންތަކެއް އުފައްދަން މަސައްކަތްކުރާ ޑިމޮކްރެޓްސް އިން ކެންޑިޑޭޓަކު ނެރޭނެ ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ.