ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދޭ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދިނުން ލަސްވާތީ ޑިމޮކްރެޓްސް އިން މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
އިދިކޮޅު ޕާޓީތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިމޮކްރެޓްސް އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވާ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ޕާޓީ އުފެއްދުމުގެ ހުއްދަ ނުދީ އިލެކްޝަންސް އިން ހިފެހެއްޓުމަކީ އެކޮމިޝަނަށް ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ހަސަން ވިދާޅުވީ ޕާޓީ އާށް ހުއްދަ ދިނުން ލަސްވާތީ އެކަން ކޯޓަށް ހުށަހަޅާނެކަން އީސީގެ ސެކްރެޓަރީ ޖެނެރަލްއަށާއި ރައީސް އާއި ނައިބު ރައީސް އަށް ވެސް އަންގާފައިވާނެ ކަމަށެވެ.
ގާނޫނީ ގޮތުން އީސީ އަށް އެހުއްދަ ނުދީ ހިފަހައްޓައިގެން ނުތިބެވޭނެ ކަމަށް ހަސަން ވިދާޅުވި އެވެ.
ކޯޓަށް ހުށަހަޅަފައި ވާނީ "ހުއްދަ ނުދީ ހިފެހެއްޓުމަކީ ގާނޫނު އަސާސީ އާއި ހިލާފު ކަމެއް ކަމަށް ކަނޑައަޅައި ދިނުމަށާ އިތުރަށް އެކަން ނުކުރުމަށާ އެހުއްދަ އަވަހަށް ދިނުމަށް އެދި، މިހާރު އީސީ އިން ނުދީ ހިފަހަށްޓާފައި އެއޮތް ހުއްދަ އެއީ ގާނޫނީ ގޮތުން ހިފެހެއްޓޭނެ ހުއްދައެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށް ކޮޓަށް ހުށަހަޅާފައި ވާނީ،" ހަސަން ވިދާޅުވި އެވެ.
ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ގާނޫނުގައި ބަޔާން ކުރާ އަދަދަށް މެމްބަރުން ހަމަކޮށްފައިވާނެ ކަމަށާ އެ މެމްބަރުންގެ ނަންތައް ސައްހަކަން އިލެކްޝަންސް ކޮމިޝަނުން ކަށަވަރުކޮށްފައިވާ ކަމަށާ ޕާޓީ އުފެއްދުމުގެ ހުއްދަ ކޮމިޝަނުން ދޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.
އެހެން ނަމަވެސް އެކަށިގެންވާ ސަބަބެއް ނެތި ޕަޓީ އުފެއްދުމުގެ ހުއްދަ ލަސްކުރުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށާ ޕާޓީ އުފެއްދުމުގެ ހުއްދަ ނުދީ ހިފަހައްޓާ އެ ޕާޓީ ރަޖިސްޓްރީ ވެގެން ދިއުމަށް ހުރަސް އެޅޭ ގޮތަށް މަސައްކަތް ކުރަމުން ގެންދާ ކަމަށްވެސް އެމައްސަލާގައި ބުނެފައިވެ އެވެ.
އެހެންވީމާ އިލެކްޝަންސް ކޮމިޝަންގެ އެއަމަލަކީ ގާނޫނު އަސާސީއާ ހިލާފަށް އަދި ދުސްތޫރީ ގޮތުން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގަށް ވެސް އުނިކަން އަންނަގޮތަށް އިލެކްޝަންސް ކޮމިޝަނުން ކުރަމުން ގެންދާ އަމަލެއް ކަމަށް ކަނޑައަޅައި ދިނުމަށް ވަނީ އެދިފައެވެ.
"ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ބޭނުންވާ ޖަލްސާ ބޭއްވުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށް އީސީ އިން މިއަދު ވަނީ ބުނެފަ އެވެ.
އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް، ޖަލްސާ ބޭއްވުމުގެ ހުއްދަ އަންނަ ހަފުތާގައި ދޭން އީސީން ނިންމާފައިވާކަން އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދިފައިވާ ފަރާތަށް އަންގާފައިވާ ކަމަށެވެ.